ކޮމެޓީން ރުހުން ދިންއިރުވެސް ނަޝާތު ވިދާޅުވީ ފުއާދަށް އިތުބާރު ނެތްކަމަށް!

ކޮމެޓީން ރުހުން ދިންއިރުވެސް ނަޝާތު ވިދާޅުވީ ފުއާދަށް އިތުބާރު ނެތްކަމަށް!

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2023 09:53
0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސް ކުރުމުގެ ކުރިން ކުރިއަށްދިޔަ އިންޓަރވިއުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އޭނާގެ އިތުބާރު ނެތްކަމަށް ނަޝާތު ވިދާޅުވެއްޖެއެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެއި 29، ގައި ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެކަމަކު، އެ މައްސަލައަށް ގޮތެއް ނުނިންމާ ޖޫން 22 ގައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ. އެއަށް ފަހު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ ނިޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަން ކުރުމާ މެދު އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މިމަރުހަލާއަށްފަހު މިއަދު އޮތް ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ނަޝާތާއި ސުވާލުތައް ކުރިމަތިކޮށްފައެވެ. އިންޓަވިއުގައި ބައެއް މެންބަރުން ވަނީ މީގެ ކުރިން ނަޝާތު އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ މެދު އިތުބާރު ނެތް ކަމަށް ވިދާޅުވެ، އަލުން އެ ކޮމިޝަނަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

އެއާ އެކު ނަޝާތު ވަނީ މެންބަރަކާ މެދު އޮންނަ ޒާތީ މައްސަލައަކާ ހެދި ކޮމިޝަންގެ މަސައްކަތަށް ބުރުއަރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ހަމައެއާ އެކު އިންޓަވިއުގައި ވާހަކަދައްކަވަމުން ނަޝާތު ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބު އަމާންކޮށް ދިޔައީ ފުއާދުގެ ސަބަބުން ނޫން ކަމަށާއި ފުއާދާ މެދު އޭނާގެ އިތުބާރު ނެތް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

އަޅުގަނޑަށް ހީވަނީ ކޮމިޝަންގެ ގާނޫނު އޮތް ގޮތުން ވެސް ކޮމިޝަންގެ ރައީސް ކިޔާހާ އެއްޗަކަށް މެންބަރުން އަމަލުކުރަންޖެހޭ ގޮތަކަށް ނޫންހެން ގާނޫނަކީ. ދެން ކޮމިޝަންގެ މަސައްކަތްތައް އޮމާންކަމާ އެކު ހަގީގަތުގައި މި ފަހަރު ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ، އަޅުގަނޑު މިހެން ދޮގަކަށް ނޫން، މެންބަރުން ނޫނީ މުވައްޒަފުންގެ މަސައްކަތް، ކޮމިޝަން ޗެއާ އިންނެވީ ގޮނޑީގައި. އިތުރު އެއްވެސް ކަމެއް ނުކުރައްވާ.

– ނަޝާތު ވިދާޅުވިއެވެ.

އިންޓަވިއުއަށް ފަހު މި ކޮމިޓީގައި ބައިވެރިވެ ތިއްބެވި 11 މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހައިފައެވެ. އޭގެ ތެރެއިން އަށް މެންބަރުން ނަޝާތުގެ ނަން ތަޅުމަށް ފޮނުވުމަށް ވަނީ ވޯޓު ދީފައެވެ.

ނަޝާތު ވިދާޅުވީ ގާނޫނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަންގައި ގާނޫނާ އެއްގޮތަށް ކުރާ ހުރިހާ މަސައްކަތެއްގައި އޭނާގެ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އިތުރު ދައުރަކަށް ނަޝާތު އައްޔަން ކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ފާސްކުރުމާ އެކު ދެން އޮންނާނީ އޭނާ އަށް ތާއީދު އޮތްތޯ ބެލުމަށް ތަޅަމަށް ފޮނުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ެ ެއަހްމަދް ރަސީދު
ޕީ ޕީ އެމް ގެ ވެރިކަން އަންނަނީ ނަސާތު ބޭރުކުރެވޭނެ.