ޕްލާސްޓިކް ކޮތަޅު ޓެކްސް 50 ލާރިއަށް ކުޑަކުރަން ސަލީމް ހުށަހަޅައިފި

ޕްލާސްޓިކް ކޮތަޅު ޓެކްސް 50 ލާރިއަށް ކުޑަކުރަން ސަލީމް ހުށަހަޅައިފި

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއިއެކު މިހާރު ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮތްގޮތުން، ކޮތަޅުން ފީ ނަގަން ފަށަންޖެހޭނީ ޤާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެނެވެ.

ކޮތަޅުން 2 ރުފިޔާގެ ޓެކްސްއެއް ނެގުމަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޭރު ހުށަހެޅުމުން ސަރުކާރުން ވަނީ ޤަނޫނު އިސްލާހު ކުރުމަށް މެއި މަހުގެ ތެރޭގައި ހުށަހެޅާފައެވެ. ނަމަވެސް މަޖިލީހުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިމަސައްކަތް އޮތީ ނުކުރެވި މަޑު ޖެހިފައެވެ.

ގިނަ ދުވަސްތަކަކަށްފަހު މިބިލުގެ ބަހުސްގެ މަރުހަލާ މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ބިލަށް ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައިވެސް ތަކެތީގެ އަގު އިންތިހާއަށް މަތިވެގެންދިޔަ ދުވަސް ވަރެއްގައި ކަމަށެވެ. އޭނާ ވަނީ ކޮތަޅުން ނަގާ ފީއާއި ގުޅިގެން އެކަމަށް ހައްލު ތަކެއް ގެނައުމަށް އިސްލާހު ތަކެއް ހުށަހަޅުއްވާފައެވެ.

އެގޮތުން އޭނާ ވަނީ ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. އަދި ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ތިން ވަނަ ކަމަކަށް އަޅުގަނޑު ހުށަހަޅަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުން. އަަޅުގަނޑު ދެކޭ ގޮތުގަައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ޓެކްސް ނެގުމަށް ބަދަލުތަކެއް ގެނައި ނަމަވެސް މިއީ އަހަރުން އަހަރަށްވެސް ބަދަލު ގެނެވޭ ކަމެއްގެ ގޮތުގައި ކުރެވިދާނެ ކަމެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *