ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި މަޤާމުތަކުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޙަސަން ލަޠީފް ވިދާޅުވީ، އަލަށް އުފެދޭ ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުންވެސް އޮންނާނެކަމަށެވެ.
ހަމައެކަނި ސަރުކާރު ހިންގުމުގައި މަޝްވަރާއާއި ލަފާ އެކަނި ދޭނެ ވާހަކައެއް ނޫން، އެ ސަރުކާރު ހިންގުމުގައި ވެސް ޑިމޮކްރެޓްސް ބައިވެރިވާނެ ކަން، އޭގެ މާނައަކީ، ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެއޭ.
– ޙަސަން ލަޠީފް ވިދާޅުވިއެވެ.
ޙަސަން އެހެން ވިދާލުވެފައިވާއިރު، ޑރ. މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ރިރުޒުލް ވިދާޅުވީ، ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވާ ކަމަށެވެ. ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުތު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެޕާޓީއަށް އިންތިޚާބުގެ 3 ވަނަ ލިބުނުއިރު، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ