ރާއްޖޭގެ ހަމަޖެހުމާއި، ސުލްހަވެރިކަން ދެމި އޮންނާނީ ބަދަލު ހިފުމުގެ ސަގާފަތް ނައްތާލައިގެން ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް މިރޭ ބޭއްވި ޚާއްސަ ހަފްލާގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަކީ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ޤައުމުގެ ހަމަޖެހުން ގެނައުމަށް ކަމަށެވެ. އެކަން ކުރެވޭނީ މިނިވަންކަން ދިފާއު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއިއެކު ޤައުމުގެ ހަމަޖެހުން ގާއިމް ކުރެވިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ހަމަޖެހުމަށްޓަކައި އެކަކު އަނެކަކަށް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން ޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ. ކެމްޕޭންގައި ވިދާޅުވި ފަދައިނން ބަދަލު ހިފުމާއި މީހުންނަށް އަނިޔާ ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަކީ ކުރައްވާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު އެންމެ އިސްކަންދޭނީ ގައުމުގެ ހަމަޖެހުން އިސްކުރަން. ގައުމަށް ހަމަޖެހުން އަންނަން ޖެހޭ. ބަދަލު ހިފުމުގެ ރޫހު ތާއަބަދަށް ނެތިގެން ދާންޖެހޭ. އެނޫން ހަމަޔަކުން މިޤައުމަށް ހަމަޖެހުން ނާންނާނެ. އަޅުގަނޑު އިރާދަ ކުރެވިއްޔާ އަދުލުވެރި ވެރިކަމެއް ކޮށްދޭނަން. ހުރިހާ ރައްޔިތުންނަށް ހަމަހަމަ ވެރިކަމެއް ކޮށްދޭނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ދިވެހި ޤައުމުގެ މިނިވަނަކަން ދިފާއުކޮށް ހިމާޔަތް ކުރެއްވުމަށް ދިވެހި ރައްޔިތުން ކުރެއްވި މަސައްކަތަށް ހަމްދުކޮށް ޝުކުރު ވެރިވާކަމަށެވެ. އަދި މިނާޒުކު ދަނޑިވަޅުގައި މުސްތަގުބަލު އުޖާލަކޮށް، ދަރިންގެ ދަރިންގެ ހައްގުގައި ކުރެއްވި އިހުލާސްތެރި މަސައްކަތަށް މުއިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ. މުއިއްޒު ވިދާޅުވީ ވޯޓު ނުދެއްވައި ޚިޔާލް ތަފާތުވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށާއި، އެބޭފުޅުންވެސް ހިމެނޭހެން ކޮށްދޭނީ ހަމަހަމަ ކަމާއި އެކު ކުރާ އިހުލާސްތެރި ވެރިކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ ސިޔާސީ ލީޑަރަކަށްވުރެ ސިޔާސީ ޕާޓީއަކަށްވުރެ ޤައުމުގެ މަސްލަހަރު އިސްކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކީ އެ އަޒުމުގައި ހިތުގެ އަޑިން ކަނޑައަޅާ ވަރުގަދަ އަޒުމުގައި ދިވެހި ގައުމުގެ ހައްގުގައި މަސައްކަތް ކުރާނެ ދުވަހެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ