ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކިބައިން އެދިވަޑައިގެންފިއެވެ.
އިންތިޚާބުގެ ކާމިޔާބަށްފަހު މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށެވެ.
އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
2008 އިން ފެށިގެން މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކުގެ މައި ޕާޓީ ތެރޭގައި އުފެދޭ ޚިޔާލް ތަފާތުވުންތަކާއިއެކު ޕާޓީ ރޫޅި ބޮޑެތި ޚިޔާލް ތަފާތުވުން އުފެދުނު ނަމަވެސް މުއިއްޒު ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ ޕީޕީއެމް/ޕީއެންސީ ރޫޅާ ނުލެވޭނެ ކަމުގެ ޔަގީންކަމަށެވެ. މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ ވަރަށް ބަދަހިކޮށް އެކީގައިި ވެރިކަމުގެ ދައުރު ފުރިހަމަ ކުރަން ކަމަށެވެ. އަދި ވަޑައި ގަންނަވަނީ ވަކި ޕާޓީއަކަށް ވަކި މީހަކަށް ވެރިކަން ކޮށްދެއްވަން ނޫންކަމަށާއި ޚިދުމަތް ކުރައްވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިހާތަނަށް ސިޔާސީ ޕާޓީތަކުގެ ތެރޭގައި އަދި އިސް ލީޑަރުންގެ މެދުގައި މައްސަލަތައް އެފެދި ޕާޓީތައް ބައިބައިވީ ސިޔާސީ ގޮތުން އަމިއްލަ މަންފާތަކާއިހެދި އުޅުމުންކަމަށެވެ. ނަމަވެސް ދެން އުފެދޭ ޕީޕީއެމް/ޕީއެންސީގެ ސަރުކާރުގައި މިފަދަ އެދުންތަކުން އެއްކިބާކޮށް އެއްބައި ވަންތަ ކަމާއިއެކު ޤައުމަށް ޚިދުމަތްކުރާ ޤައުމަށް ހެޔޮ ވެރިކަމެއް ގެނެސް ދެއްވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ