މީޑިއާއަކީ ހިތްތަކަށް ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ: ޚުތުބާ

މީޑިއާއަކީ ހިތްތަކަށް ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ: ޚުތުބާ

Author
މުޙައްމަދު ޝަޒައިމް
29 ސެޕްޓެމްބަރ 2023 01:36
0

ދޮގު ޚަބަރުތައް ފަތުރައި މީހުން ހިތްތަކުގައި ބިރުވެރިކަން ވައްދާ ވަސީލަތަށް މީޑިއާ ވެގެން ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވެނަ ބުރުގެ ވޯޓުލުން މާދަމާ އޮތްއިރު، މިއަދުގެ ޚުތުބާ ވަނީ ވަރަށް ބޮޑަށް މިހާރުގެ މަސްރަހަރުގައި ދެކެވޭ ދޮގު ޚަބަރު ފެތުރުމާއި، މީހުންގެ އަބުރު ނަގާލުމާއި، ހަގީގަތާއި ޚިލާފް ވާހަތައް ފެތުރުމުގެ މައްޗަށް އަލި އަޅުވާލާފައެވެ. "އަމަން އަމާންކަމުގެ ނިއުމަތް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނަކީ ހުރިހާ ތަނަކަށާއި، ހުރިހާ ޒަމާނަކަށް ކަމުދާ ގޮތުގައި މާތް ރަސްކަލާންގެ އަޅުންނަށް ޓަކައި ފުރިހަމަ ކުރައްވައި ރުހިވޮޑިގެންފައިވާ ދިރިއުޅުމުގެ ނިޒާމު ކަމަށާއި، މި ނިޒާމުގައި އެންމެ އިސްކަމެއް ދެވިފައިވާ އެއްކަމަކީ އަމަން އަމާންކަމެވެ. އެހެންކަމުން އެކަލާނގެއަށް ބިރުވެތިވެ ދޭދޭ ގުޅުންތައް ރަނގަޅު ކުރުމަށް އަމުރުކުރެއްވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮންމެ މުޖުތަމައަކަށް ވެސް އުޖާލާ މުސްތަޤުބަލެއް ލިބުން އޮތީ އެބައެއްގެ މެދުގައި އޮންނަ އަމަންއަމާންކަމާއި ހަމަޖެހުމުގެ މައްޗައްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް ރަސްކަލާންގެ ދެއްވާފައިވާ ނިއުމަތްތަކުގެ ތެރެއިން އަމަންއަމާންކަމާއި ހަމަޖެހުމާއި ނުލައި ހަޔާތުގެ އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވޭނެ ކަމަށާއި، އެއީ ކެއިންބުއިމަށްވުރެ ވެސް މުހިންމު ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ ހަމަޖެހުމާއި އަމަން އަމާންކަން ތަނެއްގައި އޮންނާނީ އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އިޖްތިމާއީ ބަލިތައް ފުހެލެވިގެން ކަމަށާއި، ދުލުގެ އާފާތްތަކުން އެމީހުން ސަލާމަތްވެގެން ކަމަށެވެ. ފުރައްސާރަ ކުރުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި މަލާމާތްކުރުން ފަދަ ހުތުރު އަމަލުތަކާ ދުރުހެލިވާންޖެހޭ ކަމަށާއި، އިސްލާމް ދީން އައިސްފައިވަނީ މިފަދަ އާފަތްތަކުން މީސްތަކުން ސަލާމަތް ކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ތަނުގައި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށާއި، ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތަކަށްވާންޖެހޭ ކަމަށެވެ. މީޑިއާ ވާންޖެހޭނީ ތެދުވެރި ބިނާކުރަނިވި ބާރަކަށް ކަމަށާއި، މީސްތަނުންނަށް ޙަޤީޤަތް ބަޔާންކޮށްދޭ މާތް ރަސްކަލާންގެއަށް ބިރުވެރިވާ ފަރާތަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ ދޮގު ޚަބަރުތައް ފަތުރައި މީހުން ހިތްތަކުގައި ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޚަބަރުތައް ފެތުރުމުގައި އާއްމު ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި، ތެދު ދޮގު ނުބަލައި މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ޚަބަރެއް އިތުރަށް ފަތުރާ ބަޔަކަށް އަހަރެމެން ވެގެން ނުވާނެ ކަމަށެވެ. އަދި ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށް ކަމަށްވާތީ ކޮންމެ ޓްވީޓަކަށް ޖަވާބުދޭ މީހަކަށް ނުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިފަދަ ޓްވީޓުތަކާއި ވައިބަރު ޗެޓްތަކާއި، ފޭސްބުކްގެ ލައިކްތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުންތައް ހިންގަމުންދާތަން ފެންނަ ކަމަށާއި، މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ނުރުހުން އުފެދޭ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ މުޖުތަމައުގެ އަމާންކަމާއި ހަމަޖެހުން ދެމި އޮތުމަށްޓަކައި އަހަރުމެންގެ މައްޗަށް އިސްކުރެވިފައިވާ ވެރިން ދީނާ ހިލާފަށް އަމުރު ނުކުރާ ހިނދު އެބައިމީހުންނަށް ކިޔަމަންގަތުމަށް ވާޖިބު ކުރައްވައިފައިވާ ކަމަށެވެ. މުޖުތަމައުގެ އަމާންކަމާއި ހަމަޖެހުމަކީ މާތް ވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާ ކަމެއް ކަމަށް ހުރުބާގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.