މަސައްކަތްކުރަނީ އޮކްޓޫބަރު 29ގަ ނިޒާމީ ވޯޓު ނަގަން، ބަޖެޓު ލިބުމުން މަސައްކަތް ފެށޭނެ: ފުއާދު

މަސައްކަތްކުރަނީ އޮކްޓޫބަރު 29ގަ ނިޒާމީ ވޯޓު ނަގަން، ބަޖެޓު ލިބުމުން މަސައްކަތް ފެށޭނެ: ފުއާދު

Author
އައިޝަތު އަޙްމަދު
23 ސެޕްޓެމްބަރ 2023 11:41
0

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާ ގުޅޭގޮތުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކުރައްވާފައިވަނީ އޮކްޓޫބަރު މަހުގެ 29ގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގަން ބަޔާންކުރާކަމަށާއި، މިކަމާއި ގުޅިގެން އެކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައިވަނީ އޮކްޓޫބަރު 29ގައި ވޯޓު ނެގުމަށްކަމަށް ފުއާދު ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަޖެޓުކަމަށް ފުއާދު ވިދާޅުވިއެވެ. މަޖިލީހުން ފޮނުވި ގަރާރުގައި ޤާނޫނި ބައެއް ސުވާލު ހުރިކަން ފާހަގަކުރައްވާ އީސީން ވަނީ ނިޒާމީ ވޯޓުގައި ރައްޔިތުން ގާތު އަހަންވީ ކޮން ސުވާލެއްތޯ ސާފުކުރުމަށް ފޮނުވާފައެވެ.

ފުއާދު ވިދާޅުވީ ބަޖެޓުގެ ދަތިކަން ހައްލުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ޢާންމުން ހޭލުންތެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފުއާދު ފާހަގަކުރެއްވިއެވެ.

ފުއާދު ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމާއި ގުޅޭ ޤާނޫނެއް ނެތުމުން، ޤަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އިއްޔެ އަޅުގަނޑުމެން މަސައްކަތް ކުރީ ނިޒާމީ ވޯޓެއް ނަގާ ކަމަށްވަންޏާ އެ ފޮލޯ ކުރަން ތަބާވާން ޖެހޭ ގާނޫނެއް ނެތީމަ ގަވާއިދެއް ހަދާ އެއާ ބެހޭ ގޮތުން މަޝްވަރާކުރުމުގައި…

– ފުއާދު ވިދާޅުވިއެވެ.

އެގޮތުން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން ވަނީ އަންގާފައެވެ. އީސީން ބުނީ ނިޒާމީ ވޯޓެއް ނެގެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހުކަމަށެވެ. އަދި އެކަމަށް 30އާއި 45 ދުވަސް މަދުވެގެން ބޭނުންވާކަމަށެވެ. އަދި 40 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާކަމަށްވެސް އީސީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.