ކޮވިޑް ވިޔަފާރި އެހީ ލޯންގެ އިންޓަރެސްޓް ދައްކަން ނުޖެހޭނެ: ރައީސް

ކޮވިޑް ވިޔަފާރި އެހީ ލޯންގެ އިންޓަރެސްޓް ދައްކަން ނުޖެހޭނެ: ރައީސް

ގުޅުންހުރި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ، އެސްޑީއެފްސީ ބޭންކުން ކޮވިޑް-19 އާ ގުޅިގެން ދޫކުރި "ކޮވިޑު ވިޔަފާރި އެހީ" ލޯނުތަކުގެ އިންޓަރެސްޓު ދެން ދައްކަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގައި ހުވަދޫ ޖަގަހަ ހުޅުވުމަށް މާވެޔޮ މަގުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވި ކަމަށެވެ. އެކަމުން އަރައިގަތުމަށް އެސްޑީއެފް މެދުވެރިކޮށް ބައެއް ލޯން އާންމުންނަށް ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޑޯޓުޑޯ އަށް ހިނގި އިރު ބައެއް ފަރާތްތަކުން އެދުނު އެއް ކަމެއް އެއީ މިހާރު ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމާއި އޭގެން ނަގާ އިންޓަރެސްޓް ކަނޑާލުމަށް. އެންމެ ކުޑަމިނުން އެވަރުކޮށްދޭން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އެ ޝަކުވާ އަށް ހައްލު ގެނެސް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެ ނިންމުމާ އެއްގޮތަށް، އެސްޑީއެފުން ނަގާފައި ހުރި [ކޮވިޑު ވިޔަފާރި އެހީ] ލޯނުގެ އިންޓަރެސްޓު ދެން ތިބޭފުޅުން ދައްކާކަށް ނުޖެހޭނެ"، ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް އިންޓަރެސްޓް ރޭޓް ދައްކާފައި ހުރި މީހުންނަށް އަނބުރާ އެ ފައިސާ ވެސް ދެއްވާނެ ކަމަށެވެ.

އެ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު މިހާރަށް ވުރެ 10 އަހަރު އިތުރުކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމާޔަތްކުރަން 2020 ގައި އެކަނި ވެސް އެސްޑީއެފްސީން 2،000 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނު ދޫކުރިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނީ އިތުރު ދައުރެއް ލިބިގެން ކަމަށްވާތީ އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ