ތިނަދޫ ޖޭޕީގެ ކެމްޕެއިން ޓީމު ރައީސަށް ތާއީދުކޮށްފި

ތިނަދޫ ޖޭޕީގެ ކެމްޕެއިން ޓީމު ރައީސަށް ތާއީދުކޮށްފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2023 12:40
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައި، ގދ. ތިނަދޫގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެމްޕެއިން ޓީމު އެމްޑީޕީއާ ގުޅިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ތިނަދޫގައި ޖޭޕީގެ ކެމްޕެއިން ޓީމުގައި ހިމެނޭ ވަރަށް ގިނަ ބަޔަކު ވަނީ ރައީސް ސޯލިހް ފަހަތަށް އަރައިފައެވެ. އެކަމަކު، މަދު އަދަދެއްގެ ބަޔަކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވެސް ތާއީދު ކުރާ ކަން އެނގިފައިވެއެވެ.

ޖޭޕީގެ ކެމްޕެއިން ޓީމުގައި ހިމެނޭ މީހުންގެ ބައްދަލުވުމެއް މިރޭ ވަނީ ތިނަދޫގައި ހުންނަ ޖޭޕީ ޖަގަހައިގައި ބާއްވައިފައެވެ.

މާފަންނުގައި ޑޯޓުޑޯގެ ހަރަކާތްތަކުގެ ތެރޭގައި އިއްޔެ އުޅުއްވަނިކޮށް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ބުރުގެ އިންތިހާބާ ކުރިމަތިލާ އިރު، ސިޔާސީ ބައެއް ޕާޓީތަކުގެ ތާއީދު ލިބެމުންދާތީ މިއީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭ އިތުރު ފަސޭހަ ކަމެއް ކަމަށެވެ.

އެގޮތުން، ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގިނަ މެމްބަރުންގެ ތާއީދު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ވެސް ޑިމޮކްރެޓްސްގެ ބޮޑު ބައެއްގެ ތާއީދު އޮތީ އެމަނިކުފާނަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑިމޮކްރެޓްސްގެ ގާތްގަނޑަކަށް ހުރިހާ އެންމެންގެ ތާއީދު ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޑިމޮކްރެޓްސްގައި ތިއްބެވީ އެމްޑީޕީގެ ފިކުރާއި ވިސްނުމުގައި ތިއްބެވި ބައެއް." ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.