ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބަލައި މުސާރަތަކަށް އަނެއްކާވެސް ބަދަލުތަކެއް!

ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބަލައި މުސާރަތަކަށް އަނެއްކާވެސް ބަދަލުތަކެއް!

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތައް ގެނައިއިރު ފެންމަތިވި މައްސަލަތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުހިންމު ނިންމުންތަކެއް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމަވާފައިވަނީ މި މައްސަލަތާގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވޭތީކަމަށެވެ. އަދި އެކަންކަމަށް ރިޢާޔަތްކުރެއްވުމާއެކު، މި ދާއިރާތަކުގެ އެކި ބޭފުޅުންނާއި މަޝްވަރާކުރައްވާ އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ މަތިންކަމަށެވެ.

އެގޮތުން 1 މެއި 2023 ގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތްއޮތުން ބަދަލުކޮށް، ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާގުޅިގެން އައި.ޖީ.އެމް.އެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާކުރެއްވުމާއެކު ސިވިލް ސަރވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލަތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ހައްލު ހޯއްދަވައިދެއްވާފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ.

އެގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެގޮތް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިދެއްވާފައެވެ. އަދި ޞިއްޙީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. ހަމައެހެންމެ މަސައްކަތުގެ ތަޖުރިބާއަށް ބަލާ އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި، އައު އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާކަމަށް ފާހަގަކުރެވުނު 9 ނަރުހުންގެ މައްސަލަ ހައްލުކުރުމަށްވެސް ރައީސް ނިންމަވާފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް، ކުރި ތިބި މަޤާމުގައި ބޭތިއްބުމަށް އުޞޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތުކުރުމަށްފަހު ކުރިން ތިބި މަޤާމަށް ބަދަލުކުރުމަށްވެސް އެމަނިކުފާނު ނިންމަވާފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވުމަށް ނޭޝެނަލް ޕޭ ކޮމިޝަނާއި، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވާފައިވާކަމަށެވެ. އަދި މި ނިންމެވުންތަކާއެކު ނަރުހުންނާއި، ޑޮކްޓަރުން އަދި ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *