ވޯޓުތަކެއް ބާތިލް ކުރި މައްސަލާގައި މާރިޔާގެ ރުޅި އީސީއަށް!

ވޯޓުތަކެއް ބާތިލް ކުރި މައްސަލާގައި މާރިޔާގެ ރުޅި އީސީއަށް!

Author
އަހުމަދު
13 ސެޕްޓެމްބަރ 2023 07:59
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލުންތަކެއް ވޯޓުތަކެއް ބާތިލް ކުރި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އަދި އެމްޑީޕީގެ މާލެ ދާއިރާގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ ކޮމިޝަނަށް ރޭ ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ އުމުރުން ދުވަސްވީ މީހެއްގެ ލޮލުގެ ފެނުން ކޮށިކަމުން ޔަގީންކޮށްލަން ދެވަނަ ފަހަރަށް ރަނގަޅު ފާހަގަ ޖެހި ތަނުގައި ފާހަގަ ޖަހާލީމަ ވެސް ގަވައިދު ތަންދެއޭ ކިއާފައި ވޯޓު ބާތިލްކޮށްލާފައިވާ ކަމަށެވެ.

ބައްލަވާ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިންނަވަންވީ ނޫންތޯ އެ ތަނުގައި ތިޔަ މޮޅު ފާހަގަ ޖައްސަވަން.

– މާރިޔާ ވަރަށް ބޮޑަށް ރުޅި އިސް ކުރައްވައި ވިދާޅުވިއެވެ.

މީގެއިތުރުން މާރިޔާ ވަނީ ވޯޓުލާން އައި މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ނެތް ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ދުވަސްވީ މީހުންނަށް ފުރޮޅުލީ ގޮނޑިއެއްހާ ހިސާބު ވެސް ނެތް އިރު، އިށީނދެލާނެ ތަންކޮޅެއް ވެސް ނެތް ކަމަށެވެ.

އުމުރުން ދުވަސްވީ މީހުން އެތައް އިރަކު ކިއުތަކުގައި އެތައް އިރަކު ތިބި އިރު، ކިޑްނީ ބައްޔާއި ނޭވާ ހިއްލާ ބަލީގެ މީހުން ވޯޓުލާން އެތައް ގަޑިއިރަކު ކިއުގައި ތިބުމަށް ފަހު، ވޯޓުނުލެވިގެން ގެއަށް ގޮސްފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެހެންވިޔަސް، އަޅުގަނޑުމެން ނުދަމޭ، ސުޕްރީމް ކޯޓަކަށް. ސުޕްރީމް ކޯޓަށް ގޮސްގެން ބާތިލް ކުރާ ވަރަށް ބާތިލް ވޯޓު އެބައޮތޭ.

– މާރިޔާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބުތައް ބާތިލް ކުރަން 2018 އަދި 2013 ގެ ރިޔާސީ އިންތިހާބަށް ފަހު، ސުޕްރީމް ކޯޓަށް ދިޔަ ކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ މި މަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގެ ވޯޓުގައި ރައްޔިތުން ނުކުމެ ވޯޓުލައި، ރައީސް ސޯލިހް އިންތިހާބުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.