ހުޅުމާލޭ ބަނދަރު ސަރަހައްދުން ދެ ލޯންޗެއް އެކްސިޑެންޓްވެ 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މިރޭ ކަނޑުމަތީގައި ހިނގި މިހާދިސާގައި އެކްސިޑެންޓުވީ ޖޮއި އައިލެންޑުން ފަތުރުވެރިން ގޮވައިގެން އެއަޕޯޓަށް ދަތުރުކުރި ލޯންޗަކާއި ލިއޯ ޓްރޭޑިންގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗަކާ ކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަރޕޯޓަށް ދަތުރުކުރި ލޯންޗުގައި 13 ފަސެންޖަރުންނާއި ތިން ފަޅުވެރިން ތިއްބެވެ. ލިއޯ ޓްރޭޑިންގެ މުވައްޒަފުން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗުގައި 8 މީހަކު ތިއްބެވެ. އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި އަނިޔާ ލިބުނީ މި ލޯންޗުގައި ދަތުރު ކުރަމުންދިޔަ 5 މީހަކަށެވެ. ޖޮއި އައިލެންޑުން ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުންދިޔަ ލޯންޗުވަނީ އެ ލޯންޗުގައި ތިބި މީހުން ފުރަން އެއަރޕޯޓަށް ގެންގޮސްފައެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ލިއޯ ޓްރޭޑިންގެ ލޯންޗުގައި ދަތުރު ކުރަމުންދިޔަ 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެ އެންމެންނަށްވެސް މިހާރުދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި އެ ލޯންވުގެ ކެޕްޓަންގެ ހާލު ވަރަށް ސީރިއަސްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ