ދަޢުލަތުގެ މީޑިއާގެ މާލީ މުއާމަލާތްތައް ހުއްޓާލަން ކޯޓުން އަމުރުކޮށްފި

ދަޢުލަތުގެ މީޑިއާގެ މާލީ މުއާމަލާތްތައް ހުއްޓާލަން ކޯޓުން އަމުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 02:11
0

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން މާލީ މުއާމަލާތްތައް ކުރުން ސިވިލް ކޯޓުން ވަގުތީގޮތުން ހުއްޓުވައިފިއެވެ.

އާޓިސަން ޕްރައިވެޓް ލިމިޑެޓުން ޕީއެސްއެމްއަށް ކޮށްދިން މަސައްކަތެއްގެ އަގަށްވާ 4،516،697ރ. ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފައެވެ. އެ ހުކުމް އެގޮތަށް ކުރީ އެއީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ޕީއެސްއެމް އިން އިއުތިރާފު ވެސް ވެފައިވާތީއެވެ. މިހާތަނަށް ޕީއެސްއެމްއިން އެ ފައިސާ ދައްކާފައި ނުވާއިރު، ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެެއް އާޓިސަން ޕްރައިވެޓް ލިމިޑެޓުން އޮތީ ހުށަހަޅާފައެވެ.

މި މައްސަލައިގެ ތެރެއިން ޝަރީއަތުން ވަނީ ޕީއެސްއެމްގެ މާލީ ތަފްސީލްތައް ހުށަހަޅަން އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް ޕީއެސްއެމްއިން ހުށަހެޅި ތަފްސީލްގައިވާ ގޮތުން އެ ކުންފުނި ހިންގުމަށް މަހަކު 8،000،000ރ. ހަރަދުވެއެވެ. ޕީއެސްއެމް އިން ވަނީ އާޓިސަން އިން ބުނާ ފައިސާ އަކީ ދައްކަންޖެހޭ ފައިސާ ކަމަށް ކޯޓުގައި އިއުތިރާފް ވެފައެވެ.

ޕީއެސްއެމްގެ މާލީ ތަފްސީލުތައް ހިއްސާ ކުރުމަށް މި މައްސަލައިގެ ޝަރީއަތުން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ. ޕީއެސްއެމް ހިންގުމަށް ކޮންމެ މަހަކު އަށް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ތަފްސީލް ގައިވެ އެވެ. އެހެންނަމަވެސް ކޯޓުގެ އަމުރުގައިވާ ގޮތުގައި، ކޯޓުން ބެލި ބެލުމުގައި ޕީއެސްއެމްގެ ބޭންކު އެކައުންޓް ތަކުގައި އަށް މިލިއަން ރުފިޔާ އާއި ގާތްކުރާ މިންވަރަކަށްވެސް ފައިސާ އެއް ނެތެވެ.

ކޯޓުން މިހާރު ވަނީ ޕީއެސްއެމްއަށް ފައިސާ ލިބޭ ގޮތާއި އެ ފައިސާ ލިބެނީ ކޮން ފަރާތަކުން، ކޮން ވަސީލަތެއް މެދުވެރިކޮށްގެން ކަން އެނގޭނެ ގޮތުގެ ތަފްސީލީ މައުލޫމާތު ހުށަހެޅުމަށްވެސް އެ ކުންފުންޏަށް އަންގާފައެވެ. އަދި ޕީއެސްއެމްގެ މިލްކިއްޔާތުގައިވާ އުފުލޭ މުދާ އަދި ނުއުފުލޭ މުދަލުގެ އިތުރަށް އެ ކުންފުނީގެ އަރަންޏާއި ދަރަންޏެއް ހުރި ނަމަ އެ ހުރިހާ މައުލޫމާތުތައް އެނގޭ ގޮތަށް ކޯޓަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

އާޓިސަން ޕްރައިވެޓް ލިމިޑެޓުގެ ދަރަނި ދެއްކެންދެން ޕީއެސްއެމްގެ މިލްކިއްޔާތުގައިވާ އެއްވެސް އެއްޗެއް ޝަރީއަތުގެ ހުއްދައާއި ނުލައި ނުވިއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން އެ މުދާ އެހެނިހެން އެއްވެސް ފަރާތަކަށް ބަދަލުވާނެ ކަހަލަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.