ކުޅުދުއްފުށިން އަދިވެސް މެޖޯރިޓީ ނަގާނީ ޑިމޮކްރެޓްސްއިން: އިންތި

ކުޅުދުއްފުށިން އަދިވެސް މެޖޯރިޓީ ނަގާނީ ޑިމޮކްރެޓްސްއިން: އިންތި

ގުޅުންހުރި

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ޑިމޮކްރެޓްސް ދޫކުރެއްވި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ސިޓީއިން މެޖޯރިޓީ ނަގާނީ ދަ ޑިމޮކްރެޓްސް އިން ކަމަށް، އެ ޕާޓީގެ ކެންޕެއިން ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީއަށްފަހު އެ ޕާޓީގެ އެތެރޭގައި ނަޝީދު ފެއްޓެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް ހުންނެވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޔާސިރު، އެ ޕާޓީން ވަކިވެ، އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވަނީ އިއްޔެއެވެ.

ޑިމޮކްރެޓްސް އިން ވަކިވި ސަބަބު ހާމަނުކުރައްވައި އެޕާޓީން ޔާސިރު ވަކިވެވަޑައިގެންފައިވާ އިރު، އޭނާ އާއި އެކު ކުޅުދުއްފުށީ މޭޔަރ ވެސް ވަނީ އެޕާޓީން ވަކިވެވަޑައިގެން އަލުން އެމްޑީޕީ އަށް ސޮއި ކުރައްވާފައެވެ.

އެކަމާއި ގުޅިގެން، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވި ސަބަބު އެނގި ވަޑައިގަންނަވާނީ އެބޭފުޅުންނަށް ކަމަށެވެ. އަދި އޭގެ ސަބަބުން ކުޅުދުއްފުށީ ސިޓީން ލިބޭ ވޯޓަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާ، ރިޔާސީ އިންތިހާބުގައި އެ ސިޓީން މެޖޯރިޓީ ނަގާނީ ޑިމޮކްރެޓްސް އިން ކަމަށް އިންތި ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ އޭގެ ބޮޑު އަސަރެއް އަޅުގަނޑުމެންނަކަށް ނުކުރާނެ. ކުޅުދުއްފުށީގެ ވޯޓު އިރާދަކުރެއްވިޔާ ދަ ޑިމޮކްރެޓްސް އަށް ކަށަވަރުކޮށްދޭނެ. ވަރަށް ގިނަ ބަޔަކު މި ޕާޓީއަށް ސޮއި ކޮށްފައިވޭ އާއްމު މެންބަރުންގެ ތެރެއިން. އެހެންވީމާ، އަޅުގަނޑުމެން މެޖޯރިޓީ ނަގާނަން. ދަ ޑިމޮކްރެޓްސް އިން." އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، ޔާސިރު ޕާޓީން ވަކިވެވަޑައިގެންނެވީ، ރަނިންމޭޓުކަން ނުވަތަ ބޭނުންވެވަޑައިގެންނެވި މަގާމެއް ނުލިބިގެންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، ޔާސިރު އެޕާޓީއާއި ގުޅިވަޑައިގެންފައިވަނީ އެފަދަ އެއްވެސް ޝަރުތަކާއި ނުލައި ކަމަށާ، އެހެންކަމުން، ޕާޓީން ވަކިވެފައިވަނީ އެފަދަ ސަބަބެއް އޮވެގެން ނޫން ކަމަށެވެ.

އިންތި އެފަދައިން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސް އިން ރިޔާސީ ރޭހަށް ނުކުމެ ކެމްޕެއިން ކުރަން ފެށިފަހުން ޔާސިރު ޕާޓިގެ ހަރަކާތްތަކުން އެއްފަރާތަށް ޖެހިވަޑައިގެން ހުންނެވިކަން ފާހަގަވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ