މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވައިފައި އޮތް ފިލްމް "ނީނާ" ގެ ލަވައެއް ޔޫޓިއުބަށް މިއަދު ދޫކޮށްލައިފި އެވެ.
"ނީނާ" އިން ބެލުންތެރިންނަށް ދޫކޮށްލި ލަވަ އަކީ "އާ އުންމީދު" އެވެ. މިއީ "ނީނާ" ގެ ލީޑް ދެ ތަރިން ކަމަށްވާ ނުޒޫ އާއީ ޝަރަފު އަބްދުﷲގެ ގުޅުން ފޯދި ކުރިލަމުން އަންނަ ގޮތް ދައްކައުވައިދޭ ލަވައެކެވެ،
ހުސައިން ތައުފީގުގެ މިއުޒިކަށް ލަވަ ކިޔާފައި ވަނީ މަރިޔަމް އަޝްފާ އެވެ. ލަވައިގެ ޅެން ހެދީ އޭނަގެ ފިރިހީމާ އަދި މިއުޒިކީ ފަންނާނު މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އެވެ.
އާސިމް ޢަލީ އަދި އަޙްމަދު ވަހީދު ޕްރޮޑިއުސްކޮށް، 'އައި ފިލްމްސް' އިން ގެނެސްދޭ ނީނާ އަކީ 2019 ގެ ސައިކޮލިޖިކަލް ތުރިލާ "ބަވަތި" އަށް ފަހު އިއްލެ ގެނެސްދިން ދެވަނަ ފީޗާ ފިލްމެވެ. މިފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.
ނީނާގެ ލީޑުން ފެނިގެން ދާނީ އިއްލެ ގެނެސްދިން ފިލްމް "ބަވަތީ"ގެ ވެސް ލީޑުން ފެނިގެން ދިއަ ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒުހަތު ޝުޢައިބް އެވެ. ފިލްމްގެ ކާސްޓުގައި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޝަރަފް ޢަބްދުﷲ، ހަމްދޫން ފާރޫގް، ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ.
މީގެ އިތުރުން ވެސް މި ފިލްމް އިން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ވެސް ހިމެނެއެވެ.