ރުޤްޔާ ކުރުމަކީ އެކަމުގެ ޢިލްމު ލިބިގެން ހުރި މީހަކު އިންސާނިއްޔަތަށް ޓަކައި، ކުރުން ހުއްދަ ކަމެއްކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައިވަނީ ރުޤުޔާ ކުރުމުގާއި ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި އަލި އަޅުވާލާފައެވެ. ބަލިތަކަށް ފަރުވާކުރުމަކީ ދީނުގައި ހުއްދަކުރައްވާފައިވާ ކަމަކަށްވާއިރު، ބަލިތައް ލައްވާފައިވާ ފަދައިން އެ ބަލިތަކުގެ ޝިފާ ވެސް ލައްވާފައިވާކަމަށެވެ. ބަލިތަކަށް ފަރުވާކުރުމުގައި ހިފަން ހުރި ގޮތްތަކުގެ ތެގެ ތެރޭގައި ރުޤްޔާ ކުރުން ހިމެނޭއިރު، ރުޤްޔާ ކުރުމަކީ ބަލިމީހާ އަށް ފަރުވާކުރުމުގެ ގޮތުން ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލު ﷲ ގެ ސުންނަތުގައި ވާރިދުވެގެންވާ ދުޢާތަކުގެ ޒަރީޢާއިން ބައްޔަށް ޝިފާދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުން ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
ސިހުރު ހާހޫރަ އާއި، ޙަސަދަ އާއި، އެސްފީނާ ގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް ޝަރުޢީ ރުޤްޔާ އަކީ އެންމެ އެކަށީގެންވާ ފަރުވާކަމާ މެދަކު ޝައްކެއް ނެތް. ރުޙާނީ ގޮތުން ކުރިމަތިވާ މި ފަދަ ބަލިތަކަށް ރުޤްޔާ އިން ފަރުވާ ހޯދިދާނެ. ރުޤްޔާ ކުރުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކާއި ޝަރުޠުތަކާ އެކު ހުއްދަކަމެއް ކަމުގައި ވީނަމަވެސް ގިނަ ފަހަރަށް މުޖުތަމަޢު ގައި ކަންހިނގަނީ މި މަގުން ހެއްޔެވެ؟ ރުޤްޔާ ކުރުމަކީ އެކަމުގެ ޢިލްމު ލިބިގެން ހުރި މީހަކު އިންސާނިއްޔަތަށް ޓަކައި، ކުރުން ހުއްދަ ކަމެއް. ޝަރުޢީ ހަމަތަކުގެ މަތިން، ހުއްދަ ނޫން އެއްވެސް ކަމެއް ނުހިމެނޭ ގޮތަށް.
– ޚުތުބާގައި ވެއެވެ.
މީސްތަކުންނަށް ރުޤްޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭއިރު، ޞައްޙަ މަޢުލޫމާތާއި ޝަރުޢީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުނިޔެވީ މަންފާތަކެއް ޙާޞިލުކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު މިކަން ހަދައިފައިވާކަމަށް ތުހުބާގައި ބުނެފައިވެއެވެ. އަދި ރުޤްޔާ ގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރު ހަދައި އޮޅުވާލަން ފަށައިފާފައިވާކަމަށެވެ.
ރުޤްޔާކުރުމުގެ ނަމުގައި ބަލިމީހާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮންގެން ނުވާނެ. ރުޤްޔާ ކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ޙުރްމަތްތެރިކޮށް ހިތަން ޖެހޭނެ. ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމާއި، ސިޙުރު ބާޠިލުކުރުމުގެ ބަހަނާ ގައި މަޙުރަމަކާ ނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެ ކަނބަލުންނަށް ޖިންސީ ގޯނާކުރާކަމުގެ ޝަކުވާތައް ދަނީ ޢާއްމުވަމުން. އަންހެނެއްގެ ހަށިގަނޑު ތެރެއިން ޖިންނި ނެރުމުގެ ބަހަނާގައި އޭނާގެ ހަށިގަނޑުގައި އަތްލެވިދާނެތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި ފަޟީލަތުއް ޝައިޚް ޢަބްދު ﷲ ބިން ޢަބްދުއްރަޙްމާނުލް ޖިބްރީން ވިދާޅުވެފައިވެއެވެ. "ރުޤްޔާ ކުރުމަށްޓަކައި ޤުރްއާން ކިޔަވައި އަންހެނާ ގަޔަށް ފުމެލުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް އަންހެނަކަށް ނުވަތަ މަޙުރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި މަޙްކަމަކު ފިޔަވައި އަންހެނެއްގެ ގައިގައި ހުރަހަކާ ނުލައި އަތްލައިގެން ނުވާނެއެވެ. އަދި އޭނާގެ ޙިޖާބު ނަގައިގެން ނުވާނެއެވެ. އެފަދަ ޙާލަތުގައި އަންހެނަކު ނުވަތަ މަޙްކަމަކު ލައްވައި ރުޤްޔާ ކުރާނީއެވެ. ނޫންނަމަ އަންހެނާ އަމިއްލައަށް ރުޤްޔާ ކުރާނީއެވެ
– ޚުތުބާގައި ވެއެވެ.
ޝަރްޢީ ރުޤްޔާކުރުމުގެ ނަމުގައި ޖިންނީންނާއި، ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމަކީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫންކަމަށް ހުތުބާގައި ބުނެފައިވެއެ. މިގޮތުން، ބަލިމީހާ އާއި، ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ވެސް ރުޤްޔާކުރުމުގައި ހިމެނޭ ކަންކަމެއް ނޫންކަމަށެވެ. އަދި އެއީ ސިހުރު ހާހޫރަ ހަދާ މީހުން ކުރާ ބާވަތުގެ ކަންތައްތަކެއް ކަމުގައެވެ.
މީގެ އިތުރުން، އިރުވަރު ބެލުމާއި، އަކަ ކުރެހުމާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި، ބަލިމީހާގެ ހަށިގަނޑު ތެރެއަށް ޖިންނި ޝައިޠާނުން ވައްދައި އެ ޝައިޠާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުމާއި، ﷲ ގެ އިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރްޢީ ރުޤްޔާއާ އެއްވެސް ގުޅުމެއްހުރި ކަންކަމެއްނޫން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ އެގޮތަށް ޙަރާމް ކަމެކެވެ.