އަންނަ މަހުގެ 6 ވަނަ ދުވަހު އޮލިމްޕަހަށް ގެންނަން ތާވަލް ކޮށްފައިވާ އައިފިލްސް ގެ ދެވަނަ ފީޗާ ފިލްމު "ނީނާ" ގައި އޭގެ ޓައިޓްލް ރޯލު ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) ފިލްމުން ފެންނާނެ ތިން ލުކް މިއަދު ދައްކާލައިފި އެވެ.
"ބަވަތި" ގެ ކާމިޔާބީއަށްފަހު މިހަރު ގިނަ ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމަކީ، އައިފިލްމްސްގެ ދެވަނަ އުފެއްދުން ކަމަށްވާ "ނީނާ" އެވެ. މި ފިލްމުގައި ޚާއްސަ ކަންތައްތަކެއްވާކަން މިހާތަނަށް ފިލްމާއި ގުޅޭގޮތުން ފެނުުނު ފޮޓޯތަކާއި ޚަބަރުތަކުން ވެސް ވަނީ އެނގިފައެވެ.
މިއީ ވަރަށް ތަފާތު އަންހެން ކެރެކްޓާއެއް ފެންނާނެ ކްރައިމް ތުރިލާއެކެވެ. "ނީނާ" ގައި ނުޒޫ ކުޅެފައި ވަނީ މީގެ ކުރިން ދިވެހި ފިލްމަކުން ބަތަލާއަކު ނުފެންނަހާ ތަފާތު ރޯލަކުންނެވެ. މި ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނަ މާޝަލް އާޓްސް ވެސް ދަސްކުރި އެވެ.
"ނީނާ" ގެ ޝޫޓިން މިދިޔަ ހަފްތާގައި ނިމިފައިވާއިރު، ފިލްމު ޝޫޓް ކޮށްފައިވަނީ މާލޭގައާއި ލ. އަތޮޅުގައެވެ. އެގޮތުން މާލޭގައި ވާނީ 10 މިނެޓުގެ ޝޫޓެއް ކަމުގައި ވެސް އިއްލެ ބުނެފައިވެއެވެ.
"ބަވަތި" އަށް ލިބުނު ހޫނު ތަރުހީބަށްފަހު "ނީނާ" އަށް ވެސް ބެލުންތެރިން ކުރާ އުންމީދު ބޮޑެވެ. އެންމެ ބޮޑަށް މިހާރު ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރަކީ ފިލްމު ބަލާލުމުގެ އިންތިޒާރެވެ.
އާސިމް ޢަލީ އަދި އަޙްމަދު ވަހީދު ޕްރޮޑިއުސްކޮށް، 'އައި ފިލްމްސް' އިން ގެނެސްދޭ ނީނާ އަކީ 2019 ގެ ސައިކޮލިޖިކަލް ތުރިލާ "ބަވަތި" އަށް ފަހު އިއްލެ ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. މިފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.
ނީނާގެ ލީޑުން ފެނިގެން ދާނީ އިއްލެ ގެނެސްދިން ފިލްމް "ބަވަތީ"ގެ ވެސް ލީޑުން ފެނިގެން ދިއަ ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒުހަތު ޝުޢައިބް އެވެ. ފިލްމްގެ ކާސްޓުގައި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޝަރަފް ޢަބްދުﷲ، ހަމްދޫން ފާރޫގް، ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ.
މީގެ އިތުރުން ވެސް މި ފިލްމް އިން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ވެސް ހިމެނެއެވެ