މުހައްމަދު އިސްމާއިލްގެ ސުވާލު: ޕާޓީގެ ސެނެޓް އެބައޮތްބާ؟

މުހައްމަދު އިސްމާއިލްގެ ސުވާލު: ޕާޓީގެ ސެނެޓް އެބައޮތްބާ؟

Author
ހުސެއިން
01 ޖުލައި 2023 12:14
0

އިދިކޮޅު ޕީޕީއެމްގެ ސެނެޓަކީ މިހާރު އެއްވެސް ވަރަކަށް މަސައްކަތް ކުރަމުން ނުދާ ގުނަވަނެއްކަމަށް މޭރުންކޮށް، އެޕާޓީގެ ސެނެޓެއް މިހާރު އެބައޮތްތޯ، ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ސުވާލު އުފައްދަވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ސެނެޓް އެކަށިގެންވާ ގޮތެއްގައި މިހާރު މަސައްކަތް ނުކުރާކަމުގެ ކަންބޮޑުވުން މުހައްމަދު އިސްމައިލް ފާޅުކުރައްވާފައިވަނީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސް ޕާޓީއާއެކު، ޕީޕީއެމްގެ އިސް ދެބޭފުޅުން ކަމުގައިވާ، އެޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރުން އަހުމަދު ޡާރިގް، ސެނެޓްގެ ރުހުން ނެތި ސިޔާސީ މަޝްވަރާއަށް ދިއުމުގެ ކަންބޮޑުވުން ފާޅުކޮށް، ސެނެޓްގެ ވަޓްސްއަޕް ގުރޫޕުގައި ބައެއް ސެނެޓަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވާ ކުރެއްވި މެސެޖެއްގައެވެ.

ޕީޕީއެމްގެ ސެނެޓްގެ މަޝްވަރާއާއި ނުލާ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އިސްވެސް، ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކު ފާއިތުވެދިޔަ ހަފްތާގައި ސިޔާސީ މަޝްވަރާތައް ފަށާފައި ވަނިކޮށް، މިއަދު ދެޕާޓީގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ޕީޕީއެމްގެ ސެނެޓްގެ މެމްބަރު އަދި ޕާޓީގެ އިސް އެކްޓިވިސްޓެއްކަމަށްވާ އަހުމަދު ސިއްދީގު ވިދާޅުވެފައިވަނީ ޕާޓީގެ ސެނެޓުން ލީޑަރޝިޕަށް އިޚްތިޔާރުތަކެއް ދިން ކަމަށާއި، އެހެންނަމަވެސް ޕާޓީގެ ސެނެޓަކީ ނެތް އެއްޗެއްކަމަށް ހަދައިގެން ނުވާނެ ކަމުގައެވެ.

ޕާޓީގެ ސެނެޓުން ޕާޓީގެ ލީޑަރޝިޕަށް އިޚްތިޔާރުތަކެއް ދިން ކަމުގައިވިޔަސް ޕާޓީގެ ސެނެޓް އެއީ ނެތް އެޗެއްކަމަށް ހަދައިގެން ނުވާނެ. ލީޑަރޝިޕްގެ ނިންމުންތަކުގެ މައުލޫމާތު ޕާޓީގެ ސެނެޓަށް އަރުވަން ވާނެކަމަށް ދެކެން. އަދި ޕާޓީގެ އާންމު މަސްލަހަތާއި ގުޅިފައިވާ ބޮޑެތި ނިންމުންތަކުގައި ސެނެޓާއި މަޝްވަރާވެސް ކުރުން މުހިންމު. އެއީ ކަންކަން ކާމިޔާބު ކުރުމަށާއި، މަސްލަހަތު އެކަމުގައި އޮތްގޮތް ކަމުގައި ދެކޭތީ މިވާހަކަ ހިއްސާ ކޮށްލީ. މި ޚިޔާލާމެދު ރަނގަޅު ނަޒަރަކުން ވިސްނުމަށް ހުރިހާ ބޭފުޅުންގެ އަރިހުން އެދެނެ.

ޝިޔާމްއާއި ޓޮމް އިސްވެ ތިއްބަވައިގެން ޑިމޮކްރެޓްސް ޕާޓީއާއެކު ބާއްވަމުންދާ މަޝްވަރާތަކާމެދު ނުރުހުން ފާޅުކުރަމުން ވަޓްސްއަޕް ގުރޫޕުގައި ސިއްދީގު ވިދާޅުވިއެވެ.

ޕީޕީއެމްއިން ވާދަވެރި ޕާޓީތަކާއެކު ސިޔާސީ މަޝްވަރާއަށް ދިޔައީ ސެނެޓްގެ ރުހުން ނެތިކަމަށް ވިދާޅުވެ، ސިއްދީގު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން، އެ ޕާޓީގެ ސެނެޓްގެވެސް މެމްބަރެއްކަމަށްވާ، އަދި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވާހަކަ ދައްކާވާފައިވަނީ ޕީޕީއެމްގެ ސެނެޓަކީ މިހާރު އެއްވެސް ވަރަކަށް މަސައްކަތް ކުރަމުން ނުދާ ގުނަވަނެއްކަމަށް މޭރުން ކުރައްވަމުންނެވެ. އަދި އޭނާ ސުވާލު ކުރައްވާފައިވަނީ، ސެނެޓްގެ ބޭނުމަކީ ހަމައެކަނި މަޝްވަރާ އެހުންތޯ އެވެ.

ޕާޓީގެ ސެނެޓް އެބައޮތްބާ؟ ލަފާ އަހަން އެކަނިބާ ސެނެޓް އެއްކުރަން ޖެހެނީ، ނުވަތަ އެއްވާން ޖެހެނީ.

އިދިކޮޅު ޕީޕީއެމްގެ ސެނެޓްގެ ދައުރެއް ޕާޓީގެ އެއްވެސް ކަމެއްގައި މިހާރު ނެތްކަމަށް ފާހަގަ ކުރައްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެއެވެ.

އިިދިކޮޅު ޕީޕީއެމްގެ އިސް ދެ ބޭފުޅަކު، ނަޝީދު އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަޝްވަރާތައް ފަށާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ. އަދި މިމަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުންތަކަށްފަހު ދެ ޕާޓީންވެސް ބުނެފައިވަނީ އަމާޒަކީ ރައީސް ސާލިހު ބަލިކުރެވޭނެ ގޮތެއް ހޯދުން ކަމުގައެވެ.

އެހެންނަމަވެސް އެ ގޮތަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޔާމިން ނެރުންކަމަށް ދެފަރާތަށް އެއްބަސް ވެވޭކަމަށް ދެފަރާތުންވެސް ބުނެފައެއް ނުވެއެވެ. އަދި މަޝްވަރާތަކުގައި ޕީޕީއެމްގެ ޕީޖީގެ އެންމެ ދެމެންބަރުން ބައިވެރިވެފައިވާއިރު، އެހެން ބޭފުޅުން މިމަޝްވަރާތަކަށް ތާއީދުކޮށް ވާހަކަވެސް ދައްކަވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢައިމިނަ
މުހަންމަދަށް ތިޔަ ހުރެވެނީ އެންމެ ޑިމޮކްރެޓިކް ޕާރޓީގައެވެ. ތިޔަ ޕާރޓީގައި ތިބޭނީ ގޮތެއް ކިޔޭނެ ބަޔެއް ނޫނެވެ. ޖެހޭނީ ހަމަ އިޅުތަކެއްހެން ބޯލަނބާ ކިޔަމަންތެރި ވާށެވެ. ނޫނިއްޔާ 'އައުޓް' !