ޑިމޮކްރެޓްސް ޕާޓީއަށް މުޒާހިރާ ކޮށްދޭން ޕީޕީއެމް ނިކުތުން! އާ ޕާޓީގައި ސިޔާސީ ހަކަތައެއް ނެތް!

ޑިމޮކްރެޓްސް ޕާޓީއަށް މުޒާހިރާ ކޮށްދޭން ޕީޕީއެމް ނިކުތުން! އާ ޕާޓީގައި ސިޔާސީ ހަކަތައެއް ނެތް!

Author
ހުސެއިން
19 ޖޫން 2023 07:39
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 ސޮއި ހަމަކޮށް އެޕާޓީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ މިހިނގާ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

"ދަ ޑިމޮކްރެޓްސް"ޕާޓީގެ ފަރާތުން އެޕާޓީ އުފެއްދުމަށްވެސް ގިނަ އަދަދެއްގެ ފޯމު ފުރާ އިލެކްޝަންސް ކޮމިޝަނަށް ހުޅަހަޅާނެކަމަށް ގިނަބަޔަކަށް ކުރިން ހީކުރެވިފައިވި ނަމަވެސް، ކުރިން ގިނަބަޔަކު ގަބޫލު ކުރިގޮތާއި ޚިލާފަށް، ކިރިޔާ 3،000 ހަމަވާވަރުކޮށް އިލެކްޝަންސް ކޮމިޝަނަށް "ދަ ޑިމޮކްރެޓްސް" ޕާޓީން ފޯމު ހުށަހެޅިތާ 2 ހަފްތާ ފާއިތުވެގެ ދިޔައިރުވެސް އެޕާޓީ އުފެއްދުމަށް ބޭނުންވާ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައެއް ނުވެއެވެ.

އޭގެ ނަތީއެއްގެ ގޮތުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ގޮސްފައިވަނީ އެޕާޓީ އުފެއްދުމަށް ބޭނުންވާ ހުއްދަ އެކޮމިޝަނުން ދޫ ނުކުރަނީސް ކޮމިޝަންގެ އިދާރާ ދޫކޮށް ނުދާނެކަމަށް ބުނަމުންނެވެ.

އެހެންނަމަވެސް، ދިގު އިންތިޒާރަކަށްފަހު، ރޭގަޑުގެ 8:00 ގައި ކޮމިޝަނުން ބޭއްވި ޖަލްސާގައި މެމްބަރުންގެ ވޯޓުން ނިންމާފައިވަނީ، "ފުރިހަމަވާން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނުވާތީ" ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ދޫކުރާންޖެހޭ ހުއްދަ އަދި ދޫ ނުކުރުމަށެވެ. އިލެކްޝްންސް ކޮމިޝަންގެ މިނިންމުން މެމްބަރުންގެ ޖަލްސާއަކުން ނިންމާފައިވަނީ، ހުއްދަ ދޫކުރުމަށް ފެނޭތޯ ނެގި ވޯޓު އެއްވަރުވުމުގެ ސަބަބުންނެވެ.

ކޮމިޝަންގެ ނިންމުން، އެކޮމިޝަންގެ ރައީސް ފުވާދު ތައުފީގު މީޑިއާތަކަށް އާންމު ކުރުމާއެކު، ޑިމޮކްރެޓްސް ޕާޓީން އިސްވެގެންފައިވަނީ، މިމައްސަލާގައި ސަރުކާރަށް ޕްރެޝަރ ކުރުމުގެ ގޮތުން، ހަރުގެ ޖަލްސާ ބާއްވާ، ކޮމިޝަންގެ ނިންމުމާއި ދެކޮޅަށް މުޒާހިރާކޮށް، މަގުތަކަށް މީހުން އެއްކުރުމަށެވެ.

ޑިމޮކްރެޓްސް ޕާޓީ އުފެދުމަށް އިސްކޮށް އުޅުއްވާ ބޭފުޅުން އިއްޔެ ކޮމިޝަނަށް ވަޑައިގެންނެވީ ހުއްދަ ދޫކުރުމުން މެނުވީ ކޮމިޝަން ދޫކޮށް ނުދިއުމަށް ބުނަމުން

އެގޮތުން، "ދަ ޑިމޮކްރެޓްސް"ގެ ހަރުގެ ހުންނަ ސަރަހައްދަށް އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އެއްވުމަށް އެޕާޓީގެ ރަސްމީ ޓުވިޓަރ ހޭންޑްލްއިން ގޮވާލާފައި ވެއެވެ. އެއާއެކު، އެޕާޓީއަށް ތާއީދުކުރާ މަދު ބަޔަކާއެކީ ހަރުގެ ޖަލްސާއެއް ފަށާ، އިލެކްޝަންސް ކޮމިޝަންގެ ނިންމުމާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ މަންޒަރު ފެނިގެން ގޮސްގައި ވެއެވެ.

 

ދަ ޑިމޮކްރެޓްސް ޕާޓީއަށް މުޒާހިރާ ކޮށްދޭން ޕީޕީއެމް!

ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ މިވަގުތަށް ދޫ ނުކުރުމަށް ނިންމުމާއި ގުޅިގެން، ދަ ޑިމޮކްރެޓްސް ޕާޓީގެ ހަރުގޭގައި މަދު ބަޔަކާއެކީ ފެށި ޖަލްސާ މުޒާހިރާއަކަށް ބަދަލުކޮށް، ހަރުގެ ކުރިމަތީގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމާއި ދެކޮޅަށް އިހުތިޖާޖް ކޮށްފައެވެ.

އެހެންނަމަވެސް، މި މުޒާހިރާ ސިޔާސީ ޕާޓީތަކުން އާންމު ގޮތެއްގައި ކުރާ މުޒާހިރާތަކާއި ތަފާތު މުޒަހާރާއަކަށް އިސާހިތަކު ބަދަލުވެގެން ދިޔައީ، މަދުބަޔަކާއެކީ ހަރުގެ ކުރިމަތީގައި ކުރާންފެށި މުޒާހިރާގެ އިސް ސަފުން އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ފަރާތްތައް ފެންނާން ފެށި ހިސާބުންނެވެ.

މިގޮތުން ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ކުރިމަތީގައި ކުރިޔަށްދާން ފެށި މުޒާހިރާގެ އެންމެ އިސް ސަފުން އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބުދުއްރަހީމް ފެންނާން ހުރިއިރު، އޭނާގެ އިތުރުން އިދިކޮޅު ޕީޕީއެމް ބައެއް މަޖިލިސް މެމްބަރުންވެސް މުޒާހިރާގެ އިސްސަފުން ރޭވަނީ ފެނިގެން ގޮސްފައެވެ.

އޭގެ އިތުރަށް، މުޒާހިރާ ކުރާ ސަރަހައްދުގައި ބައެއް ފަރާތްތަކުން ދިޔައީ އެ ސަރަހައްދަށް އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން ޖަމާވުމަށްވެސް ގޮވަމުންނެވެ. އެއާއެކު، އެސަރަހައްދުން ޑިމޮކްރެޓްސް ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކަށްވުރެ ގިނައިން އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން ޖަމާވެ، އިލެކްޝަންސް ކޮމިޝަންސްގެ ނިންމުމާއި ދެކޮޅަށް ކުރާންފެށި މުޒާހިރާ ބަދަލުވެގެން ދިޔަތަން ފެނިގެން ދިޔައީ އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ، ސަރުކާރާ އިދިކޮޅު މުޒާހިރާއަކަށެވެ.

ޑިމޮކްރެޓްސް ޕާޓީގެ މުޒާހިރާގެ އެންމެ އިސް ސަފުގައި ހަރަކާތްތެރި ވެފައިވަނީ ޕީޕީއެމްގެ އިސް ބޭފުޅުން

މުޒާހިރާގައި ގައުމީ ދިދަ ހިފައިގެން ތިބީ އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުންނެވެ. މުޒާހިރާގެ އިސްސަފުގައި ތިއްބެވީ އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެ ދެޕާޓީގެ މަޖިލިސް މެމްބަރުންނެވެ. ފާޅުކުރަމުން ދިޔަ ޝުއޫރުތަކަކީ، އިދިކޮޅު ޕީޕީއެމްގެ އިހުތިޖާޖުތަކުގައި ސަރުކާރާ ދެކޮޅަށް ފާޅުކުރަމުންދާ ޝުއޫރުތަކެވެ.

މިގޮތުން މި އިހުތިޖާޖު އިދިކޮޅު ޕީޕީއެމްގެ މުޒާހިރާއަކަށް ބަދަލުވެ، ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ބްލޮކްވާ ހިސާބަށް ހާލަތު ދިއުމާއެކު ދެން ފެނިގެންދިޔައީ އެސްއޯ ފުލުހުން ސަރަހައްދަށް ޖަމާވެ މުޒާހިރާ ރޫޅާލި މަންޒަރެވެ.

 

މުޒާހިރާގެ އުކުޅު ބޭނުން ކޮށްގެން ސަރުކާރަށް ޕްރެޝަރ ކުރާނެ ހަތަކަ ޑިމޮކްރެޓްސް ޕާޓީގަ ނެތް!

މާޒީއަށް ނަޒަރެއް ހިންގާލާއިރު ފެންނާން އޮތީ، ސިޔާސީ ބަދަލުތައް ގެނައުމުގައި އިހުތިޖާޖު ކުރުމަކީ އުކުޅެއް ކަމުގައިދެކި، ޑިކޮމްރެޓްސް ޕާޓީ އުފެއްދުމަށް އިސްކޮށް ހުންނެވި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމަގުން އަމަލު ކުރައްވާފައި ވާތަނެވެ.

ހަމައެއާއެކު، މީހުންނަށް ވަނަމުން ގޮވުމާއި، މަގުމަތީ އިހުތިޖާޖު ކުރުމާއި، މައްލަވަ ކުރުމަކީ އެއީ ސިޔާސީ އުޅެއްކަމަށް ވިދާޅުވެ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލިސް މެމްބަރުން މަޖިލިސް ފްލޯގައި އެބީދައިން ވާހަކަ ދައްކަވާފައިވެސް ވެއެވެ.

މިގޮތުން، އެމްޑީޕީންވަކިވި ފަރާތްތަކުން އާ ޕާޓީއެއް އުފެއްދެވުމަށް ކުރަންދާ މަސައްކަތްތަކުގެ ތެރެއިންވެސް، ހަރުގެ ޖަލްސާތައް ބޭއްވުމުގެ އިތުރުން މާލޭގެ މަގުތަކުގައި އިހުތިޖާޖު ކުރުމަށް އެޕާޓީގެ އިސްފަރާތްތަކުން މަސައްކަތް ކުރަމުންދާތަންވެސް ދަނީ ފެންނަމުންނެވެ.

އެހެންނަމަވެސް، ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ޖަލްސާތަކަށް ހާޒިރުވާ އާންމު މެމްބަރުންގެ އަދަދު އާދަޔާ ޚިލާފަށް މަދުކަމަށް ފާހަގަވެފައިވަނިކޮށް، އެޕާޓީން ރޭ ބޭއްވި އިހުތިޖާޖަށް އިދިކޮޅު ޕީޕީއެމްއިން ބައިވެރިވެ، އެޕާޓީއަށް މުޒާހިރާ ކޮށްދިނުމުން، ގިނަބަޔަކު ގަބޫލުކުތާ އެއް ހަގީގަތަކަށް ވެގެން ދިޔައީ، އަލަށް އުފެއްދުމަށް މަސައްކަތް ކުރެވެމުންދާ ޑިމޮކްރެޓްސް ޕާޓީގައި ސިޔާސީ ބޮޑު އެއްވުމެއް ބޭއްވުމުގެ ހަކަތަ ނެތްކަމެވެ.

ޑިމޮކްރެޓްސް ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާ: ބައިވެރިވެފައިވަނީ މަދު ބަޔަކު

އެމްޑީޕީން މާޒީގައި ބޭނުންކުރި "އިހުތިޖާޖުގެ އުކުޅު" ބޭނުން ކޮށްގެން، އެބީދައިން ޕްރެޝަރ ކޮށްގެން ބޭނުންވާ ނަތީޖާއާއި ހަމައަށް ވާސިލްވުމުގެ ސިޔާސީ ހަކަތަ ނުވަތަ ތާއީދު އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ އާ ޕާޓީގައި ނެތްކަންވެސް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

ހަމައެއާއެކު، މާޒީވެދިޔަ ތަނުގައި ދޭދޭ ޕާޓީތަކުން އޭރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް އެއްގަލަކަށް އަރާފައިވި ނަމަވެސް، މިބީދައިން އެއްޕާޓީއެއްގެ އެކަނި މަސްލަހަތު އެކަނި ހިމެނޭ ކަމެއްގައި، އެއްޕާޓީއަކުން އަނެއް ޕާޓީއަކަށް މުޒާހިރާ ކޮށްދޭ މަންޒަރު ރާއްޖޭގައި ފެނިގެން މިދަނީވެސް އަދި މުޅީން އަލަށް ކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
މިހާރު މިސާބިތުވަނީ ލާދީނީ ވެގެން މިއުޅެނީ މައުމޫނު ނޫންކަން ލާދީނީ ވެގެން މިއުޅެނީ ޕީޕީ އެމްގެ މީހުންކަން ވަރަށް ވަރަށް ސާފް އިނގޭ