އަލީ ވަހީދަށް ކުރި ދައުވާތައް ގެންދިއުމުން ގާސިމްގެ މަރުހަބާ!

އަލީ ވަހީދަށް ކުރި ދައުވާތައް ގެންދިއުމުން ގާސިމްގެ މަރުހަބާ!

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2023 11:35
0

ޓޫރިޒަމް މިނިސްޓްރީގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ މިނިސްޓްރީގެ ކުރީގެ ވަޒީރު އަލީ ވަހީދަށް ކުރި ޖިންސީ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ލިބޭނެ ގޮތެއް ނެތްކަމަށް ބަލައި އެ ދަޢުވާތައް ޕީޖީން އަނބުރާ ގެންދިއުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މަރުހަބާ ދަންނަވައިފިއެވެ.

ބޭސްފަރުވާއަށްކަމަށް ވިދާޅުވެ 2021 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

ޤާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަލީވަހީދަށް ކުރެއްވި ދައުވާތައް އަނބުރާ ގެންދެވުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަނަންވާކަމެވެ.

އޮނަރަބަލް އަލީ ވަހީދަށް ފަށްފަށުން މަރުހަބާ.

– ޤާސިމް ކުރި ކުރު ޓީވީޓުގައި ވިދާޅުވިއެވެ.

ގާސިމް ވަނީ މީގެ ކުރިން ވެސް އަލީ ވަހީދުގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ. އޭރު ޖުމްހޫރީ ޕާޓީގެ ރައީސަކަށް ވެސް ހުންނެވި އަލީ ވަހީދަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ޕާޓީގެ ނޫސް ކޮންފެރެންސެއްގައި ގާސިމް ވިދާޅުވީ އަލީ ވަހީދު އެ ވަރުގެ ކަމެއް ކުރައްވާނެ ކަން ގަބޫލުކުރައްވަން ދަތި ކަމަށެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މީގެ ކުރިން ފޮނުއްވި މެސެޖެއްގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އޭރު އަލީ ވަހީދަށް ކުރި ދައުވާތައް ބޮޑު ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6، 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެ މައްސަލަ ކުރިއަށް ނުގެންދަން ޕީޖީން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙުޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ. އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް އޭނާ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި ފަހުން އެނބުރި ވަޑައިގެންފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ނުވެގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ.

ޕީޖީން ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމެވި ނިންމުމާ އެކު، އޭނާ ފުރައިގެން ދިއުމުން އަލީ ވަހީދު ރާއްޖެ ގެނައުމަށް އެކި ގޮތް ގޮތުން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓްގައި ވެސް މަސައްކަތްކޮށްފައިވާނެ ކަމަށް ޕީޖީން ވިދާޅުވެއެވެ.

މި މައްސަލަ އަވަސް މިނެއްގައި ހިންގުމާއި މައްސަލަ ނުހިންގިއްޖެނަމަ، އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުޞަތު އޮތް މިންވަރު ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށް ޕީޖީން ވިދާޅުވެފައިވެއެވެ. ނަމަވެސް މައްސަލަ އަލުން ހުށަހެޅުމަށް ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙްޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށް މައްސަލަ އަނބުރާ ގެނައުމަށް ނިންމި ނިންމުމައި ގުޅޭގޮތުން ޕީޖީން ވިދާޅުވިއެވެ.

ޕީޖީން ވިދާޅުވީ، އެ އޮފީހުން އަނިޔާ ލިބުނު މީހުންނާއި ހެކިންނާ ބައްދަލުކޮށް ކުރިއަށްދާނެ ގޮތް ސާފުކޮށްފައިވާނެ ކަމަށެވެ. އެމީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުޞަތު އޮތްތޯ ބެލިއިރު ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީޖީ އޮފީހުން އަލީ ވަހީދަށް ކުރެއްވި ދަޢުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
ދެން މިކަލޭގެ ކުރާނީ ދައުލަތާ ދެކޮޅަށް އަބުރުގެ ދައުވާ. މި ދައުވާ ސާބިތުވެސް ވާނެ ބަދަލުވެސް ދޭން ޖެހޭނެ. ބުރާންޗަކާ ޤައުމު ހިންގާން ހަވާލުވީމާ ވާގޮތް މި ފެންނަނީ.