ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

Author
އަޒްފާ ރަޝީދު
15 ޖޫން 2023 05:55
0

ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

ވިނަރެސް އިން ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އާރބަންކޯއިން ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީއާއި 3 ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ. މި ފެލްޓްތައް ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓްތައް ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އާރބަންކޯއިން އެ ފުރުޞަތު ހުޅުވާލީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 18 ވަނަ ދުވަހުއެވެ. ފްލެޓް ގަތުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 1413 ފަރާތަކުން ފްލެޓްތައް ގަތުމަށް ފޯމު ހުށަހަޅާފައިވެއެވެ. މި ފޯމުތައް އިވެލުއޭޓްކުރުމަށްފަހު، ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާރބަންކޯއިން އާއްމުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ވިނަރެސް މަޝްރޫޢުއިން ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް އެކުލަވާލުމުގެ މަސައްކަތް އާރބަންކޯއިން މިހާރު ފަށާފައިވާއިރު، އެންމެ ފުރަތަމަ ސޮއިކުރަން ފަށާފައިވަނީ ގުޅީފަޅުން ފްލެޓް ދޫކޮށްލި ފަރާތްތަކުގެ ތެރެއިން މި މަޝްރޫޢުއިން ފްލެޓް ލިބޭ ފަރާތްތަކާއެކުއެވެ.

އެގޮތުން ޖުމްލަ 100 ފަރާތަކަށް ހައުސިން ޔުނިޓު ލިބޭ އިރު ދުވާލަކު 25 އެގްރީމަންޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް އާރބަންކޯއިން ބުނެއެވެ. މިކަން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލް ގައެވެ. ގުޅީފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރަށް އެންޑް ޔޫޒަރ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް އިޙްތިޔާރުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މިހާތަނަށް 128 ޔުނިޓެއް އެ ފަރާތްތަކުން ނަގާފައިވާކަމަށް އާރބަންކޯއިން ބުނެއެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އާރބަންކޯއަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސަރ) މޮޑެލް އަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިޙްތިޔާރުކުމުގެ މަރުހަލަ އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެކަމަށްވެސް އާރބަންކޯއިން ބުނެއެވެ.

ވިނަރެސް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން މިހާރު ފަށާފައިވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އާރބަންކޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.