ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނޮން ފިލްމު ޕްރޮޑިއުސްކުރަން ނިންމާއިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަތަލާ ކްރިތީ ޕްރޮޑިއުސްކުރަނީ ސްޓްރީމިން ޕްލެޓްފޯމަކާ ގުޅިގެން ކަމަށެވެ. މިފިލްމުގެ ލީޑް ރޯލުން ކްރިތީ ފެނިގެންދާއިރު މިފިލްމު ރިލީޒް ކުރުމަށް ވެސް ނިންމާފައި ވަނީ ޑިޖިޓަލްކޮށެވެ.
ޕިންކްވިލާ އިން ބުނީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 32 އަހަރުގެ ބަތަލާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު އަންނަ އަހަރު ގެނެސްދޭން އަމާޒު ހިފާފައިވާ ފިލްމުގެ އެކިއެކި ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ކްރިތީ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ކްރިތީ އެންމެ އަވަހަށް ފެނިގެންދާނީ މިމަހު 16 ގައި ރިލީޒްކުރާ "އަދިޕުރުޝް" އެވެ. މިފިލްމުގައި ކްރިތީގެ އިތުރުން ފެނިގެންދާނީ ޕްރަބާސް އާއި ސައިފް އަލީ ހާން އެވެ.
"ބީޅިޔާ" އާއި "ބެރިލީ ކީ ބަރްފީ" އާއި "މިމީ" އަދި "ލުކާ ޗުއްޕީ" ފަދަ މަގުބޫލު ފިލްމުތައް ކުޅުނު ހުނަރުވެރި އަދި އެހާމެ ރީތި ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ޝެހެޒާދާ" އެވެ.
ކޮމެންޓު ފޮނުވާ