ރިއްފަތުއާއި އީވާގެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން "ތަކުރާރުކޮށް" އެދިއްޖެ

ރިއްފަތުއާއި އީވާގެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން "ތަކުރާރުކޮށް" އެދިއްޖެ

Author
ހުސެއިން
12 ޖޫން 2023 05:11
0

ބަންޑާރަ ނައިބު އިބުރާހިމް ރިއްފަތުއާއި ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި އެދިފައިވަނީ އީވާއާއި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް (ހޯމަ ދުވަހަށް) އެޖެންޑާ ކޮށްދިނުމަށް "ތަކުރާރުކޮށް" އެދޭ ކަމުގައެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަންޑާރަ ނައިބުގެ މައްސަލަ މަޖިލިހުގައި އެންމެ ފަހުން އެޖެންޑާ ކޮށްފައިވަނީ ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުއެވެ. އެހެންނަމަވެސް ރިއްފަތު މަޖިލިހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވުމާއި ގުޅިގެން، ރިއްފަތު މެމްބަރުންގެ އިމްތިޔާށް އަރައިގެންފައިވާކަމަށް ވިދާޅުވެ ނަޝީދުވަނީ އެމައްސަލަ ފާކުކޮށް، އެޖެންޑާއިންވެސް ނަގާފައެވެ.

އަސްލަމް ނިއުޝާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާކު ކޮށްފައިވަނީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމުގައެވެ. އެގޮތުން އެމައްސަލަވެސް ތަޅުމަށް ގެނެސް ބަހުސްކޮށް، ކުރިޔަށް ގެންދިއުމަށް "ތަކުރާރުކޮށް" އެދޭކަމުގައިވެސް އަސްލަމް ނިއުޝާއަށް ފޮނުއްވި ސިޓީގައި ލިޔުއްވާފައި ވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ވާގޮތުގެމަތިން، މަޖިލިސް ނާއިބު ރައީސް އީވާގެ މައްސަލަ މިއަދަށް އެޖެންޑާ ކުރަން ޖެހުނުނަމަވެސް، މިއަދުގެ އެޖެންޑާގައި މައްސަލަ ހިމަނާފައެއް ނުވެއެވެ. އެމައްސަލަ އެޖެންޑާގައި ހިމަނާފައި ނުވަނީ، މަޖިލިހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އަލުން ހަމަޖެއްސުމަށް، ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައިވާކަމަށް ބުނެއެވެ.

މަޖިލިހުގެ ގަވާއިދުގެ 205 މާއްދާގެ ރ.ގައި ވާގޮތުން މަޖިލިހުގެ ރައީސް ނުވަތަ ނާއިބު ރައިސް މަގާމުން ދުރުކުމުގެ ގަރާރު މަޖިލިހަށް އިއްވުމަށްފަހު އެމައްސަލަތައް ކުރިޔަށް ނުގެންގޮސް އިތުރު އެހެން އެއްވެސް ބަހުސެއް މަޖިލިހުގައި ކުރިޔަކަށް ނުގެންދެވޭނެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލިސް އަމީންއާންމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، މަޖިލިސް ގަވާއިދުގައިވާގޮތުގެ މަތިން މަޖިލިހުގައި ދެން އެހެން މަސައްކަތެއް ކުރިޔަށް ގެންދެވޭނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ފަހުއެވެ.

އީވާގެ މައްސަލަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްދިނިމަށް މީގެކުރިން އެމްޑީޕީންވަނީ އަމީންއާންމަށް ސިޓީ ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.