މިސަރުކަރުން ވެރިކަމާއި، ހަވާލުވިއިރުވެސް އެމްޑީޕީިގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަތަކާއި، ދިން އިރުޝާތުތައް މިސަރުކާރުން ބަލައި ނުގަނެ ބޮަލާލައި ޖަހާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ކުރިން އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ހިންގި އިމާރާތުގެ ރީނދޫ ކުލަަ ހުދު ކުލައަށް ބަދަލުކޮށް، ދަ ޑިމޮކްރެޓްސްގެ ނަން ބޯޑު ޖަހައިގެން އެ ތަނުގައި ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އިމްތިޔާޒް ވިދާޅުވީ މިސަރުކާރު އުފެދުމާ އެކު 2018ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރަން މަސައްކަތް ކުރިއިރު ރައީސް ނަޝީދު މިނިވަންކުރަން ނޫޅޭ ކަމަށެވެ. އެކަމާ އެމަނިކުފާނު ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް އިވޭ ކަމަށް ވެސް ހަދައިނުލި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ވީހާލެއްގައި ވާން ކަމަށް އިންތި ވިދާޅުވިއެވެ.
އަޅުގަނޑުމެން ތިބި އަޑުއަހަން، ރައީސް މުހައްމަދު ނަޝީދު މިވާހަކަފުޅު ދެއްކެވި، ތިމަން މަނިކުފާނުގެ ކަންތަކާ އުޅުއްވަނީ ކޮން އިރަކުންތޯ ސުވާލުކުރެއްވި. އޭރު ރާއްޖޭން ބޭރުގައި ވަޑައިނުގަނެވިފައި ހުންނެވީ، ކޮންއިރަކުންތޯ މިކަމާ އުޅުއްވަނީ އެއްސެވި. ހަމަ ހިލާ އަޑުވެސް އަހައިނުލި ސަރުކާރުން.
– އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ، އެހެންކަމުން މިހާރު މި ހިނގަނީ އެމްޑީޕީއެއް ނޫން ކަމަށާއި މިއީ ވަގުންގެ ނެޓްވޯކެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
ވަގުންގެ ނެޓްވޯކް ބާއި ބާއި. އެ ނެޓްވޯކް އަޅުގަނޑުމެން ފުނޑާލާނަން. ދަ ޑިމްރެޓްސް ނިކުމެ އިރާދަ ކުރެއްވިއްޔާ އެމްޑީޕީއާއި މި ރާއްޖޭގައި ހިންގާ ނާއިންސާފުތަކުން މި ގައުމު ސަލާމަތް ކޮށްދޭނެ.
– އިމްތިޔާޒް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އުޅުން އިމްތިޔާޒު ސިފަ ކުރެއްވީ "ހަސީލަތް ނުބައި" އަމަލެއްގެ ގޮތުގަ އެވެ. ވަކި މީހެއްގެ ނަން ނުގެންނަވައި އޭނާ ވިދާޅުވީ އެއީ ޒަމާނުއްސުރެ ހިތުއަޑީގައި ގެންގުޅުނު "ހީލަތްތެރިކަން" ކަމަށާއި އެކަމާ ލަދުގަންނަން ޖެހޭނެ ކަމަށެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ނަޝީދަކީ ވެރިކަމާ ހެދި އުޅުއްްވާ ބޭފުޅެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތައް ގެންނަވަން ކަމަށާއި މަޖިލީހުގެ ރައީސްކަމުން ދުރުކުރިޔަސް އެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.