ތ. ވިލުފުށީ ނަލަހިޔާ އިސްލާމީ މަރުކަޒުގައި ފިރިހެނުންނާއި އަންހެނުން އެކުގައި ބައިވެރިވެގެން ކުޅިވަރު ކުޅުނު ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވީޑިއޯގެ ހަގީގަތް ވިލުފުށީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ. މި މައްސަލައަކީ މިހާރު އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުންދާ މައްސަލައެކެވެ.
ވިލުފުށީ ކައުންސިލުން ހާމަކުރިގޮތުގައި މީސްމީޑިއާގައި ފެތުރެމުންދާ ވީޑިއޯއަކީ މިދިޔަ އަހަރު އެ ރަށުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަފްލާގައި ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތެއްގެ ވީޑިއޯއެކެވެ. މި ވީޑިއޯއަށް ގަސްދުގައި މިއުޒިކް އަޅައި، އެޑިޓްކޮށްގެން މީސްމީޑިއާގައި ފަތުރާފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ހަރަކާތް ކުރިއަށް ގެންދިޔަ ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަލަމާލަމަކީ މީގެ ކުރިން އަންހެނުން ނަމާދުކުރާ ބައިގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ. ނަމަވެސް މިހާރު އެތަނަކީ ދީނީ އަދި އިޖްތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ސެމިނާ ހޯލެކެވެ. އަންހެނުންގެ ނަމާދު މިހާރު ކުރަމުންދަނީ މިސްކިތުގެ މަތީބައިގައި އެކަމަށް ޚާއްސަކޮށް ޕާޓިޝަން ޖަހައިގެން ހަދާފައިވާ ތަނުގައެވެ.
ވިލުފުށީ ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވަނީ އެކައުންސިލަކީ ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއް ދޭ ކައުންސިލެއް ކަމަށާއި، އަދި އެފަރާތުން ކަންކަން ރާވާ ހިންގަނީ ދީނީ އިލްމުވެރިންގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އެގޮތުން މިސްކިތުގެ ހުރުމަތް ކެނޑޭނެ ފަދަ އަމަލެއް އެ ކައުންސިލުން ނުހިންގާނެކަމާއި އެފަދަ ކަންކަމަށް ތަރުހީބު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އަރުވާފައިވެއެވެ.