ރިޔާޟް އެއާޕޯޓް ހަމަލާ: އިޙްރާމުގައި ހުރި ބަންގްލަދޭޝްގެ މުފްތީއަކު ނިޔާ ވެއްޖެ

ރިޔާޟް އެއާޕޯޓް ހަމަލާ: އިޙްރާމުގައި ހުރި ބަންގްލަދޭޝްގެ މުފްތީއަކު ނިޔާ ވެއްޖެ

Author
އަހުމަދު
12 އޮކްޓޯބަރ 2026 12:32
0

 

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީން ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާގައި މަރުވި 12 މީހުންގެ ތެރޭގައި، އުމްރާ ކުރަން ދިޔަ ބަންގްލަދޭޝްގެ މުފްތީއަކު ހިމެނޭކަން ހާމަވެއްޖެއެވެ. ހަމަލާގައި 309 މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔެއްގެ ހާލު ސީރިއަސްއެވެ.

ބަންގްލަދޭޝްގެ އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް މިނިސްޓްރީން އާދީއްތަ ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާގައި އެގައުމުގެ ދެ ރައްޔިތަކު މަރުވެފައިވެއެވެ. އެއީ ކުމިއްލާގެ ނަންގަލްކޯޓް އުޕާޒިލާގެ މުފްތީ ނަޞްރުﷲ ބަދަރުޕޫރީ އާއި، ބޮގުރާގެ ޝާހްޖަހާންޕޫރުގެ މުޙައްމަދު ޝާހިދު އަޙްމަދެވެ. ޑާކާގެ ކަމްރަންގީރުޗަރުގައި ހުންނަ މަދްރަސާއެއްގައި ކިޔަވައިދެއްވި ނަޞްރުﷲ މަރުވިއިރު ހުރީ އިޙްރާމް ހެދުމުގައެވެ. ޝާހިދަކީ ސަޢޫދީގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ.

ނަޞްރުﷲގެ ބޭބެ ނާޞިރުއްދީން ބުނީ، 45 މީހުންގެ ގްރޫޕަކާއެކު ހޮނިހިރު ދުވަހު ޑާކާއިން ފުރާފައިވާ ނަޞްރުﷲ އަނބުރާ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 24 ގައި ކަމަށެވެ. ގްރޫޕުގެ 32 މީހުން ސަލާމަތްވި ނަމަވެސް، އެކަކުގެ ދެފައި ވެސް ގެއްލިފައިވާ ކަމަށާއި އެހެން ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ހަމަލާގައި މަރުވި އެހެން މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ފަލަސްޠީން، އެމެރިކާ، މިޞްރު، އުރުދުން، ސީރިއާ އަދި ސޫދާނުގެ ރައްޔިތުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.