ރ. ފުއްގިރީ ލީހަށް ދިނުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ރިޝްވަތާއި ފައިސާ ހުއްދަކުރުމުގެ ދަޢުވާ ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ހެނދުނު 9:15 ގައި ބާއްވަން ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ޔާމީނުގެ މައްސަލަތައް ކުރިއަށް ގެންދަން ފެށީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން އަޑުއެހުން ހުއްޓިފައި އޮތުމަށް ފަހުއެވެ. ސެޕްޓެމްބަރު 29 ގައި ކޯޓުން މި މަސައްކަތް ފެށީ، އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން ޔާމީނާއި ކުރީގެ މެމްބަރު ޔޫސުފް ނަޢީމަށް ދަޢުވާ ކުރެވިފައިވާ ވ. އާރަހުގެ މައްސަލައިގެ ޕްރީ-ޓްރަޔަލް މޯޝަންތަކުންނެވެ. އެ އަޑުއެހުމުގައި، ޔާމީނުގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރަކީ ރިޝްވަތެއް ނޫން، ޑޮލަރު ބަދަލުކުރުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަން ދައްކާލުމަށް ދިފާޢުން ހުށަހެޅި ހެކި ރައްދުކުރުމަށް ދައުލަތުން އެދުނެވެ.
އާރަހުގެ މައްސަލަ މީގެ ކުރިން ހުއްޓިފައިވަނީ، އާ ހެކި ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުމާ މެދު ދައުލަތުން އިސްތިޢުނާފު ކުރުމުންނެވެ. ނަމަވެސް ޖުލައި މަހު ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ދަމަހައްޓައި، އެ ހެކި ބަލައިނުގަނެވޭނެކަމަށް ނިންމުމާއެކު މައްސަލަ އަލުން ކުރިއަށް ގެންދެވޭނެ މަގު ފަހިވިއެވެ.
އާރަހުގެ މައްސަލަ ކުރިއަށް ދިއުމާއެކު، ފުއްގިރީ ލީހަށް ދިނުމާ ގުޅޭ ގޮތުން ޔާމީނަށް ކުރެވިފައިވާ ވަކި ދަޢުވާގެ ޝަރީޢަތްވެސް ކްރިމިނަލް ކޯޓުން މިހާރު ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ