ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ތަފްސީލުކޮށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ ވޯޓަށް ހާޒިރުވި 56 މެންބަރުން އެއްބަޔަކަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ ބޮޑެތި ޖިނާއީ ކުށްތަކުން ހޯދާ ނާޖާއިޒު މާލީ މަންފާ ހުއްޓުވައި، އެފަދަ މުދާ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމެވެ. ބިލުގެ ދަށުން، ކުށުން ހޯދާ މުދަލާއެކު ކުށްކުރުމަށް ބޭނުންކުރާ ތަކެތިވެސް ދައުލަތަށް ނެގޭނެއެވެ. މީގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމް، މަސްތުވާތަކެތީގެ ވިޔަފާރި، އިންސާނީ ވަގުފާރި، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ހިންގާ ޖަރީމާ ފަދަ ކުށްތައް ހިމެނެއެވެ. 500،000 ރުފިޔާއަށްވުރެ ބޮޑު ޓެކްސް ދެއްކުމުން އެއްކިބާވުމާއި، 100،000 ރުފިޔާއަށްވުރެ ބޮޑު ވައްކަމާއި ޚިޔާނާތުން ހޯދާ މުދާވެސް ނެގޭނެއެވެ.
ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ ކުށްތަކާއި، ރާއްޖެއިން ބޭރުގައި ހިންގި ކުށްތަކާ ގުޅިގެންވެސް ފިޔަވަޅު އެޅުމުގެ ޖާގަ ބިލުގައި ހުރެއެވެ. ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، މުދަލަކީ ކުށުން ހޯދި އެއްޗެއްކަން ކަނޑައެޅިއްޖެނަމަ އެ މުދާ ދައުލަތަށް ނެގިދާނެއެވެ. މި ފިޔަވަޅުތައް އަޅާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ މަތިން ކަމަށާއި، ބޭރު ގައުމުތަކުގެ އެހީއަށް އެދުމުގެ ބާރުވެސް ޕީޖީއަށް ލިބޭނެ ކަމަށް ބިލުގައި ބުނެއެވެ.
ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ދައުލަތަށް ނަގާ މުދާ ބަލަހައްޓައި އަގުކަނޑައަޅާނެ "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި، ކުށް ހުއްޓުވުމާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމަށް ބޭނުންކުރާނެ "ރިކަވަރޑް އެސެޓް ފަންޑު" ގާއިމުކުރަންޖެހޭނެއެވެ. މި ބިލާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ