ސިޔާސީ ޕާޓީއެއްގައި އަމަލީގޮތުން މަސައްކަތެއް ނުކުރާނަން، ސިޔާސީ މަސައްކަތަކުން ދުރަށްވެސް ނުދާނަން: ނަޝީދު

ސިޔާސީ ޕާޓީއެއްގައި އަމަލީގޮތުން މަސައްކަތެއް ނުކުރާނަން، ސިޔާސީ މަސައްކަތަކުން ދުރަށްވެސް ނުދާނަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ މެދު ގެންގުޅުއްވާ ވިސްނުންފުޅަށް ބަދަލެއް ގެންނަވައި، އެ ޕާޓީއާ މެދު އެއްވެސް އިދިކޮޅު ވިސްނުމެއް ނުގެންގުޅުއްވާނެ މިއަދު ހާމަ ކުރައްވައިފިއެވެ.

"އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ދިގު ސިޔާސީ ދަތުރުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީގެ ނިޒާމެއް ޤާއިމްކުރުމަށެވެ. އަދި ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ފުދުންތެރިކަމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ މާހައުލެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ނަޝީދު، އެ ޕާޓީއަކީ ދަރިއެއް ފަދައިން ގާތް ޕާޓީއެއް ކަމަށް ވިދާޅުވެ، އެމްޑީޕީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަކީ އެމަނިކުފާނުގެ އަބަދުވެސް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ބަޔާންކުރެއްވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އެމްޑީޕީގައި އުފެދުނު ބައިބައިވުމާއި، އެމަނިކުފާނަށް ތާއީދުކުރާ ފެކްޝަނަކާއި ރައީސް ޞާލިޙަށް ތާއީދުކުރާ ފެކްޝަނަކަށް ޕާޓީ ބެހިގެން ދިއުމާ ގުޅިގެން ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

އެހެންނަމަވެސް، މިހާރު އެއްވެސް ސިޔާސީ ޕާޓީއެއްގައި އަމަލީގޮތުން މަސައްކަތް ކުރައްވަން ގަސްދުނުކުރައްވާ ކަމަށާއި، ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން މުޅިން ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *