ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަ ފާރިތައް ނުވަތަ ގެސްޓް ހައުސްތައް މިއަދު އިތުރުވަމުން ދާއިރު، އަދި މާލެ ސަރައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ހިންގަމުން ދާއިރު، ގިނަ ވަސީލަތްތައް ގާއިމް ކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑުން މި ވިޔަފާރިއަށް ބިޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދާކަމުގައި އާބަންކޯއިން ބުނެފިއެވެ.
މިގޮތުން މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕް ގެންދަމުންދާކަން އެ ކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.
މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާ، މަސައްކަތައް ފެށިތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، ކުޑަގިރި އަކީ އާއްމުންގެ މެދުގައި މިހާރުވެސް ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަޤުބޫލު ރަށެކެވެ.
ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއި އެކު ޕްލޭން ކުރެވި ތަރައްޤީ ކުރެވިފައިވާ ކުޑަގިރި ބަލަހައްޓަމުން ގެންދާ އަރބަންކޯ އިން ބުނެފައިވަނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމުގައެވެ.
ދިވެހިންނަށް ހިލޭ ދަތުރު ދިއުމަށް ކަނޑައެޅިފައިވާ ކުޑަ ގިރި ޕްލޭން ކުރެވިފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޭރު މީހުންނާއި ފަތުރުވެރިންނަށް ވެސް މި ރަށް ކުޑަ ފީ އެއް ދައްކައިގެން ބޭނުން ކުރެވޭގޮތަށެވެ.
ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މި ރަށުގައި މިހާރުވެސް ހުރެއެވެ. މިގޮތުން، ކެފޭ ރެސްޓޯރަންޓް، މޫދުގެ އެކި ކުޅިވަރުތަކާއި، ބީޗް ކުޅިވަރުތައް އަދި ޑައިވިންގ ސްކޫލް ފާހަގަކޮށްލެވެއެވެ. މިފަދަ ހިދުމަތްތައް ކުޑަ ގިރީގައި ޤާއިމު ކުރުމުގެ އެއްމެ ބޮޑު ބޭނުމަކީ ދިވެހިންނަށާއި، ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ހެޔޮ އަގެއްގައި ރާއްޖޭގެ ހިތްފަސޭހަ ކަމާއި ގުދުރަތީ ރީތިކަން ފަސޭހައިން ތަޖުރިބާ ކޮށްލެއްވޭނެ ގޮތެއް ފަހި ކޮށްދިނުންކަމުގައި އާބަންކޯއިން ބުނެފައި ވެއެވެ.
އާބަންކޮއިން ފާހަގަ ކޮށްފައިވާ ގޮތުގައި، މިކަމުގެ ސަބަބުން ގެސްޓް ހައުސްތަކުން ހިދުމަތް ދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހެޔޮ އަގެއްގައި އެއްތަނަކުން ލިބިގެން ދާއިރު، ފަތުރުވެރިންނަށް ވެސް އައު މާހައުލެއްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ޤަވައިދުން ހުޅުމާލެއިން ކުޑަގިރިއަށް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ފެރީ ދަތުރު މިހާރު ދަނީ ކުރަމުންނެވެ. އޭގެ ސަބަބުންވެސް، ކުޑަގިރިއަށް ދިއުމަށާއި ވަސީލަތްތައް ބޭނުން ކުރުމަށް ގިނަ ފަސޭހަތަކެއް ގެސްޓް ހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެކަން އާބަންކޯއިން ފާހަގަ ކޮށްފައިވެއެވެ.
އަރބަންކޯއިން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ ކުޑަގިރިން އާއްމުންނަށް ދެމުންގެދާ ހިދުމަތްތައް އަދިވެސް އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށް މިފަދަ ގެސްޓް ހައުސް ވިޔަފާރިތަކަށް ވެސް ގިނަ ލުއިތަކެއް ހޯދައިދިނުން ކަމުގައެވެ.