އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ޕާޓީންވަކިވެ އައު ސިޔާސީ ޙަރަކާތެއް ހިންގިޔަސް އެމްޑީޕީއަށާއި މިސަރުކާރަށް އިތުރަށް ވާނެކަމެއް ނެތްކަމަށާ، އެމީހުން އައީ މާކުރިއްސުރެ ސަރުކާރަށް ޖެއްސުންކުރަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޗަރީފް (މަވޯޓާ9 ވިދާޅުވެއްޖެއެވެ.
ފިކުރެއްގެ ދިރުން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އައު ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުގެ ހުއްދައަށް އެދި ހުށަހެޅުމާ ގުޅިގެން މަވޯޓާ ވަނީ ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އޭނާވިދާޅުވީ ފިކުރެއްގެ ދިރުމަށް ނިސްބަތްވި މަޖިލިސް މެމްބަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މިހާތަނަށްވެސް ސަރުކާރަށް ކުރަމުންއައީ ޖެއްސުންކަމަށެވެ.
FikureggeDhirun ge memberun veythuve dhiya 5aharu ves dhiyaee sarukaarah jessun kuramun. E group ah nisbaiyvaa siyaasee magaamu thakuga thibi meehunves kuree hama e masakkaiy. Fikurah nisabaiyvaa MPs @MDPSecretariat vaki vumakun ithurah vee kameh nei.Vaane kameh ves nei
— Ibrahim Shareef (@AdduShareef) May 22, 2023
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށްވެސް ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީގެ ނަމަކީ "ދަ ޑިމޮކްރެޓްސް" އެވެ. ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ.
އެ ޕާޓީ އުފައްދަން އީސީއަށް ވަޑައިގަތް ގިނަ މެމްބަރުން ތިއްބެވީ މަޑު ނޫކުލައިގެ ޓައީ އަޅުއްވައިގެންނެވެ. އެހެންކަމުން ބެލެވެނީ އެއީ އެ ޕާޓީގެ ކުލަ ކަމަށެވެ.
މި ޕާޓީ އުފެއްދުމަށްޓަކައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ވަނީ މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވަކިވެފައެވެ. މިއަދު ފޯމު ހުށަހަޅަން ދިޔަ ރަސްމިއްޔާތުގައިވެސް މިމެމްބަރުން ވަނީ ބައިވެރިވެފައެވެ. އިލެކްޝަން ކޮމިޝަނުން މި ފޯމާއި ހަވާލުވީ އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބެވެ.