"ފިކުރެއްގެ ދިރުން" ނަމުގައި އާސިޔާސީ ޕާޓީއެއް އުފައްދާ، ރިޔާސީ ކެނޑިޑޭޓަކު ނެރެނީ

"ފިކުރެއްގެ ދިރުން" ނަމުގައި އާސިޔާސީ ޕާޓީއެއް އުފައްދާ، ރިޔާސީ ކެނޑިޑޭޓަކު ނެރެނީ

Author
ހުސެއިން
17 މެއި 2023 06:25
0

ނަޝީދު އިސްވެ ހުންނަވާ، "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދުމަށް، 3،000 ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް، މިއަދު އެމްޑީޕީން ވަކިވި މެމްބަރުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަކިވިކަން މިއަދު އިއުލާންކުރި 12 މެމްބަރުންނާއި އަދި އޭގެ އިތުރުން އެމްޑީޕީގެ ނާއިބުރައީސްކަމުގެ ހުންނެވި މުހައްމަދު ޝިފާޒުގެ އިތުރުން އެސްޓއޯގެ ކުރީގެ އެމްޑޯ ހުސެއިން އަމްރުވެސް ހިމެނޭގޮތަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި ވާހަކަ ދައްކަވަމުން އެބޭފުޅުން ވިދާޅުވީ މިހާރުގެ އަމާޒަކީ "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަަށް ކެނޑިޑޭޓަކުވެސް ނެރުން ކަމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ އަންނަ ހަތާގައި "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްފަހު އެޕާޓީއަށް 3،000 ސޮއި ހަމަކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައެވެ.

އޭގެ އިތުރުން މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަލަށް އުފައްދާ މި ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރިޔާސީ ކެނޑިޑޭޓަކުވެސް ނެރޭނެ ކަމުގައެވެ. އެހެންނަމަވެސް އެއީ ކޮންވޭފުޅެއްތޯ ވިދާޅުވެފައެއް ނުވެއެވެ. އަދި "ފިކުރެއްގެ ދިރުން" ނަމުގައި އުފައްދާ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ނަޝީދުތޯ ކުރި ސުވާލަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި މެމްބަރުން ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެ ސުވާލުގެ ޖަވާބުގައި މަޖިލިހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ ރައީސް ނަޝީދުއާއި ގުޅޭ ސުވާލުތަކަށް ޖަވާބުވެސް ދެއްވާނީ ސީދާ ރައީސް ނަޝީދު ކަމުގައެވެ.

"ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާނެކަން އިއުލާން ކޮށްފައިވަނީ، އެމްޑީޕީގެ ނަޝީދު ފެކްޝަންގައި ހިމެނޭ 12 މެމްބަރަކު މިއަދު އެމްޑީޕީން ވަކި ވުމަށްފަހުއެވެ. އޭގެ އިތުރުން އެ ފެކްޝަނަށް ނިސްބަތްވާ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެވަނީ އެމްޑީޕީން ވަކި ކޮށްފައެވެ.

މިއަދު އެމްޑީޕިން ވަކިވާން ނިންމާފައިވާ މެމްބަރުންނަކީ:

  1. ހަސަން ލަތީފް: ހެންވޭރު ހުޅަނގު ދާއިރާ
  2. އީވާ އަބުދުﷲ: ގަލޮޅު އުތުރު ދާއިރާ

  3. މުހައްމަދު ރަޝީދު: މައްޗަންގޮޅި އުތުރު ދާއިރާ

  4. އިމްތިޔާޒު ފަހުމީ: މާފަންނު އުތުރު ދާއިރާ

  5. އިބުރާހިމް ރަޝީދު: މާފަންނު މެދު ދާއިރާ

  6. ޔާސިރު އަބުދުއްލަތީފް: ކުޅުދުއްފުށި އުތުރު ދާއިރާ

  7. މުހައްމަދު ވަހީދު: އުނގޫފާރު ދާއިރާ

  8. ހަސަން ޝިޔާން: ތޮއްޑޫ ދާއިރާ

  9. ހަސަން އަފީފު: ވިލުފުށި ދާއިރާ

  10. ހުސައިން ފިރުޝާން: މަޑަވެލި ދާއިރާ

  11. އިލްޔާސް ލަބީބު: ހުޅުދޫ ދާއިރާ

  12. އަހުމަދު ޒާހިރު: ގައްދޫ ދާއިރާ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި މަގާމެއް ދިފާއު ކުރެއްވުމުގެ ނަމުގައި އެމްޑީޕީގައި ހުންނެވި ބޭފުޅެއް ނޫންކަމަށާއި، މަޖިލިހުގެ ނާއިބު ރައީސްކަމުގެ މަގާމުން ވަކިކޮށްފާނެތީ ޖެހިލުން ނުވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.