އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ބައިވެރިވާ މެންބަރުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށާއި ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ތިއްބެވި ގްރޫޕެއްގައި ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ އަށް "ގައްދާރުވާ މީހުން ވަކިކުރަން" ގޮވާލައި ދެތިން މީހަކު ޕާޓީގެ އޮފީސް ދޮރުމައްޗަށް އެއްވުމުންނެވެ. އެމްޑީޕީ އޮފީސް ކައިރީގައި ޝުއޫރުފާޅުކުރި ފަސް މީހުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އާއި އެކްޓިވިސްޓް، މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) ހިމެނެއެވެ.
މި ފޮޓޯއާ ގުޅިގެން ނަޝީދު އެއްސެވީ "ނާޒިމް ޕާޓީގައި އަޅުގަނޑު ހުރީމަ އުނދަގޫވީތޯ"އެވެ. ޖަވާބުގައި އޭނާ ބުނީ އެތަނުގައި ގޮވާލީ ގައްދާރުވީ މީހުން ޕާޓީން ވަކިކުރަން ކަމަށެވެ. ނަޝީދު ގައްދާރުވީތޯ ވެސް ނާޒިމް އެހިއެވެ. ނަޝީދު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ މެމްބަރުން އެމްޑީޕީއާ ވަތްކެއް ނުކުރެވޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ ހިތް އެމްޑީޕީ އާއި ވަކި ނުވާނެ. އަދި އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ.
– ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގައި ރައީސް ނަޝީދު އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން"ގެ ހަރަކާތްތަކުގައި ބައިވެރިވާ މަޖިލިސް މެންބަރުން ގެންދަވަނީ ފާޅުގައި އެމްޑީޕީއާއި ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައިވެސް މިފަހަކަށް އައިސް އެ ބޭފުޅުން ގެންދަވަނީ ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ނަމަވެސް އުސޫލުތަކާ ހިލާފަށް އަމަލުކުރައްވާ މެންބަރުންނަށް ފިޔަވަޅެއް ނޭޅޭތީ އެމްޑީޕީގެ ބައެއް އާންމު މެންބަރުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޗާގޮސްގެ މައްސަލާގައި، އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަންނަވައެވެ. މި މައްސަލާގައި ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލަމެންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތަކާ ޚިލާފުވާ، އެ މެމްބަރުން ޕާޓީން ވަކިކުރެވޭނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވިއެވެ.
One Response
ބޭރުކުރޭ ބޭރުކުރޭ މާލަސްވެއްޖެ! ތިޔަ ފިކުރު ފަކުރަށް ވެއްޖެ!