ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ސިއްޙީ ނިޒާމު ހަރުދަނާކުރަން އެޅޭނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް ވަނީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ނަރުހުންނަށާއި ނަރުހުންގެ ޢާއިލާތަކަށާއި، އެންމެހައި ސިއްހީ ޚިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އެ ޚިދުމަތަކާ މެދު ޝުކުރުން ހިތް ފުރޭ ޚިދުމަތެއްކަމަށެވެ. އިންސާނާއަށް އެންމެ އެހީތެރިކަމާއި އަޅާލުން ބޭނުން ވާ ވަގުތަކީ އޭނާ ބަލިހާލަތުގައިވާ ވަގުތު ކަމަށާއި، އެހެންކަމުން ނަރުހުން ހިނިތުންވުމާއި ލޯތްބާއި އޯގާތެރިކަމާއެކު އަޅާލާ އަޅާލުމަކީ ބަލިމީހާގެ ތަކްލީފުތައް ދުރުވެ، މާތް ރަސްކަލާންގެ އިރާދަފުޅާއެކު ބަލިފަސޭހަވުމަށްޓަކައި އޮންނަ ވަރަށް އަވަސް މަގެއްކަމަށެވެ.
މިއަހަރުގެ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހާ ދިމާކޮށް، ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިންގ ކޯސް ހަދަމުންދާ ދަރިވަރުންނަށް، އަހަރަކު ތިން ސްކޮލަޝިޕް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ވިލާފައުންޑޭޝަން މެދުވެރިކޮށް ހަމަޖެހިގެން ދިއުމަކީ އަދި މީގެތެރެއިން އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް އެއް ސްކޮލަޝިޕް ހަމަޖެހިގެން ދިއުމަކީ ނުހަނު އުފާކުރާ ކަމެއްކަމަށް ވިލާ ފައުންޑޭޝަންގެ ޗެއާމަންކަންވެސް ކުރައްވާ ޤާސިމް ވިދާޅުވިއެވެ.
"އަހަރުމެންގެ ނަރުހުންނަކީ އަހުރުމެންގެ މުސްތަޤްބަލް" ކަމުގައިވުމަށްޓަކައި، ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް.
– ޤާސިމް ވިދާޅުވިއެވެ.
ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހާ ނަރުހުންނަށާއި ނަރުހުންގެ ޢާއިލާތަކަށާއި، އެންމެހައި ސިއްހީ ޚިދުމަތްތެރިންނަށް އަރިސްކުރަމެވެ
ޝައްކެތްނެތްގޮތުގައި ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އެ ޚިދުމަތަކާ މެދު ޝުކުރުން… pic.twitter.com/0D8DgRrFbP— Qasim Ibrahim (@qasimibrahim) May 13, 2023
ވިލާ ފައުންޑޭޝަނުން ނަރުހުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކުރި ސްކޮލަރޝިޕާއި ގުޅިގެން ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ޙަމީދު ވިދާޅުވީ، ނަރުހުންނަކީ މުޖުތަމަޢުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. މި ސްކޮލަޝިޕް ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުނަށް އު ފުރުޞަތު ފަހިވެ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަގުހުރި މަސައްކަތެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ނަރުހުންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޝިފާނާ ވިދާޅުވީ، ވިލާ ފައުންޑޭޝަނާ ގުޅިގެން މި ސްކޮލަޝިޕް ސްކީމް ތަޢާރަފް ކުރުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ނަރުހުންގެ ތަޢުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގައި ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ވިލާ ފައުންޑޭޝަނަކީ ރާއްޖޭގެ ތައުލީމީ އެތައް ދަރިންނެއް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފައުންޑޭޝަނެކެވެ.