އަމީނީ މަގުގައި ހުންނަ މާލެ ސްކޮޔާގެ ފުރަތަމަ ފަންގިފިލާގައި ރޭ ހުޅުވި "ވީއާރް ކެފޭ" އަކީ ރާއްޖޭގައި އެޅިގެން ދިޔަ ވާޗުއަލް ރިއަލިޓީގެ މުހިންމު ބިންގަލެއްކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް ރިއަލިޓީގެ ހިދުމަތް ދިނުމަށް ހާއްސަ ކެފޭއެއްގެ ގޮތުގައި "ވީއާރް ކެފޭ" ރަސްމީކޮށް ހުޅުވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
މަޚްލޫފް ވިދާޅުވީ، ދިވެހިންނަކީ ހާއްސަކޮށް ޒުވާނުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވަރަށް ރައްޓެހި ބައެއްކަމަށާއި އަބަދުވެސް މިއުޅެވެނީ ޓެކްނޮލޮޖީގެ ތެރޭގައިކަމަށެވެ.
"ވިޔަފާރީގެ ދާއިރާގައި ޒުވާނުން އާ ޓޮކްނޮލޮޖީގެ ބޭނުން ކުރާ ތަން ފެނުމަކީ ޒުވާނުންނަށް ކުރެވޭ އުންމީދު އާވާކަމެއް"
– މަޙްލޫފް
ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މިނިސްޓަރ މަޙްލޫފް އިތުރަށް ވިދާޅުވީ، ވީއާރ ޓެކްނޮލޮޖީއަކީ މުސްތަޤުބަލުގައި ކުރިއަރާނެ ވަރުގަދަ ޓެކްނޮލޮޖީއެއް ކަމަށާއި، ވީއާރު ކެފޭގެ އިސްނެގުމުގެ މަތިން މިކަން ކުރުމަކީ މިކެފޭއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.

ވީއާރް ކެފޭގައި ގާއިމްކޮށްފައިވަނީ ވާޗުއަލް ރިއަލިޓީގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ދެ ބްރޭންޑު ކަމަށްވާ އޮކިއުލަސް ކުއެސްޓުގެ އިތުރުން އެސްޓީސީ ވައިވްގެ ގޭމިން ސިސްޓަމެވެ. އޮކިއުލަސް ކުއެސްޓަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޯލް އިން ވަން ވީއާރް ގޭމިން ސިސްޓަމެވެ.
މީގެ އިތުރުން ވީއާރް ކެފޭއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވާޓުއިކްސް އޮމްނީ ގޭމިންގެ ހިދުމަތް ވެސް ފަށާފައެވެ. ވާޓުއިކްސް އޮމްނީ އަކީ ޚިޔާލީ ދުނިޔޭގައި ހިނގައި، ދުވެ އުޅޭވޭ ގޮތަށް އުފައްދާފައިވާ ވީއާރް މޯޝަން ޕްލެޓްފޯމެކެވެ.
އެންމެ ފަހުގެ ޒަމާނީ ވަސީލްތަކާއެކު ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް މުނިފޫހިފިލުވައިދުމުގެ ހިދުމަތްދޭ މި ކެފޭ ރާއްޖޭގައި ހުޅުވީ ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ކެފޭގައި ދުނިޔޭގެ ފަހުގެ ޒަމާނީ ވާޗުއަލްގެ އާލަތްތަކާއި އެންމެ ފަހުގެ ވީއާރު ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އިންޑޯ އަދި އައުޓްޑޯ ބައެއް ހިމެނޭހެން ފަރުމާކޮށްފައިވާ މިކެފޭގެ އިންޑޯ އޭރިއާގައި ވީއާރް ގޭމް އޭރިއާގެ އިތުރުން ގޭމަށް ފަހު އަރާމުކޮށްލާ ހަމަޖެހިލުމަށް ހާއްސަ ސަރަހައްދެއް ވެސް ވެއެވެ. ކެފޭގެ އައުޓްޑޯ އޭރިއާ ހާއްސަކުރެވިފައިވަނީ ކެއިން ބުއިމަށެވެ.
ވާޗުއަރ ރިއަލިޓީ ނުވަތަ ވީއާރ އަކީ، ވަކި ޚާއްސަ ހެޑްސެޑްއެއްގެ އެހީގައި ދުނިޔަވީ ނޫން މަންޒަރެއް ކޮންޕިއުޓަރ ޓެކްނޮލޮޖީގެ އެހީގައި ދައްކާލުމެވެ. މި ހެޑްސެޓުން އޮގްމެންޓޭޓިވް އަދި ވާޗުއަލް ޓެކްނޮލޮޖީގެ އެހީގައި ޚިޔާލީ ދުނިޔެއަކަށް މީހާ ފޮނުވާލައެވެ. ވާޗުއަލް ރިއަލިޓީގެ މައިގަނޑު އަމާޒަކީ ޚިޔާލީ ދުނިޔޭގައި ފެންނަ މަންޒަރާއި އަޑަކީ، ހަޤީޤީ އަޑުތަކާއި މަންޒަރުތައް ކަމަށް ސިކުނޑިއަށް ވިސްނައިދިނުމެވެ. މިކަމުގެ ސަބަބުން ވާޗުއަލް ރިއަލިޓީގައި ހިނގާ ކަންމަކީ އަސްލު ވާ ކަންކަން ކަމަށް އިޙްސާސް ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ