ހުޅުމާލޭ ބީޗު ސަރަޚައްދުގައި ވިޔަފާރީގެ އުސޫލުން މަސައްކަތްތައް ކުރަމުން އަންނަ ފަރާތްތަކުން އުސޫލުތަކާ ޚިލާފުވަމުން އަންނާތީ ހުޅުމާލެ ބީޗަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމަށް ހުރަސްތައް ކުރިމަތިވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް އަރބަންކޯއިން އެދެފިއެވެ.
އެ ކުންފުނިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަރބަންކޯއިން ހުޅުމާލެ އަރބަން އަދި ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނައިރު، އެންމެ ބޮޑު އެއް އިސްކަމެއްދޭ ކަމަކީ ހުޅުމާލޭގައި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، އާންމުންނަށް ހިތްފަސޭހަ އަދި ހިތްގައިމު މާހައުލެއް ބިނާކުރުމަށް ކަމަށެވެ.
އާރބަންކޯއިން ނެރެފައިވާ އިޢުލާންގައި ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދަށް ބަލާއިރު، އާންމުންނަށް އެންމެ ޖާގަ ތަނަވަސް ދޮންވެލި ބީޗެއް ލިބެން އޮތީ ހުޅުމާލެއިން ކަމަށްވާއިރު، ހުޅުމާލޭގެ ބީޗު ސަރަހައްދުގައި މި ކުންފުނީގެ ފަރާތުން ވާނީ އާންމުންގެ ހިތްހަމަޖެހުމަށް އަދި އާންމުން ބޭނުންވާފަދަ އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ކެފޭ، ޓޭކްއަވޭ ޝޮޕްސް، އަދި ވަކިން ޚާއްސަކޮށް ވޯޓާސްޕޯޓްސް ވިޔަފާރިއަކީ ވެސް ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ހިންގަމުން އަންނަ ކަމަށް ބުނެފައިވެއެވެ. މިފަދަ ވިޔަފާރިތަކަށް ބީޗު ސަރަހައްދުން ޖާގަ ދީފައިވީ ނަމަވެސް، މިކަންކަމަށް ހުއްދަ ދީފައިވާނީ ވަކި އުސޫލުތަކެއްގެ ދަށުންކަމަށް އާރބަންކޯއިން ބުނެފައިވއެވެ.
ބީޗަކީ އާންމުން ބޭނުންކުރާނެ ޖާގަ ތަނަވަސް އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ލިބޭ ފަދަ ދޮންވެލި ސާފު ބީޗެއްގެ ތަޖުރިބާ ލިބިދޭނެ ފަދަ ތަނަކަށް ހެދުމަށް އަރބަންކޯއިން މަސައްކަތްކުރަމުން އަންނައިރު، މިހާރު މިކަމުގައި މި ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބީޗު ސަރަހައްދުގައި ވިޔަފާރިތައް ހިންގަމުން އަންނަ ބައެއް ފަރާތްތަކުން މިކަމުގައި އޮންނަ އުސޫލުތަކާ ޚިލާފުވުން ކަމުގައި އާރބަންކޯއިން ފާހަގަކޮށްފައިވެއެވެ.
ވޯޓަރސްޕޯޓްސް ވިޔަފާރި އަކީ އާންމުންގެ މުނިފޫހިފިލުވުމާއި، އުފާވެރި މާހައުލެއް ގާއިމްކުރުމަށް ބީޗުގައި ހިންގާ ކަމަކަށްވާއިރު، އާންމުންނަށް ބޭނުންވާ ފެންފުޅި އަދި ލުއިކާނާ ފަދަ ތަކެތި ޓޭކްއަވޭގެ ގޮތުގައި އެތަންތަނުން ވިއްކަން ހުއްދަދީފައިވާނީ އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައެވެ. އެގޮތުން ވޯޓާ ސްޕޯޓްސް ވިޔަފާރިކުރާ ފަރާތްތަކަށް އެ ޚިދުމަތް ދިނުމުގެ ހުއްދަ މި ކުންފުނީގެ ފަރާތުން ދީފައިވީ ނަމަވެސް، ބީޗު ސަރަހައްދުގައި ގޮނޑި އަދި މޭޒު ޖަހައި ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ މަނާކޮށްފައިވާ ކަމެކެވެ.
ބީޗުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތްކަމެއްކަން މި ކުންފުންޏަށް ވަނީ ފާހަގަވެފައެވެ. އެގޮތުން އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދަތިވުމާއި، ބީޗުގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ މި ކުންފުންޏަށް އެކި ފަހަރުމަތިން ވަނީ ލިބިފައެވެ. މި ކުންފުނީގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ، ހުޅުމާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. އަދި މި މަގްސަދުގައި ކުންފުނީގެ ފަރާތުން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށް އާރބަންކޯއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ