ނޫސްވެރިންގެ ބައްދަލުވުމުގައި ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން މުނައްވަރު ވާހަކަ ދެއްކެވީ ދެފަހަރު ދެގޮތަށް!

ނޫސްވެރިންގެ ބައްދަލުވުމުގައި ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން މުނައްވަރު ވާހަކަ ދެއްކެވީ ދެފަހަރު ދެގޮތަށް!

Author
ހުސެއިން
04 މެއި 2023 11:08
0

ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިގެން ދިއުމާއި ގުޅިގެން، އިޓްލޮސްއިން ނިންމި ނިންމުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކުންނާއި ކުރީގެ ވަޒީރުންތަކެއް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗާގޮސްގެ މައްސަލާގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން ފުށުއަރާގޮތަށް ޖަވާބު ދެއްވައިފިއެވެ.

ޗޯގޮސްގެ މިލްކުވެރިކަން އޮތީ މޮރިޝަސްއަށްކަމަށް ރާއްޖެއިން ގަބޫލުކޮށް، މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދާއިމެދު ބައިނަލްއަގުވާމީ ކޯޓުން ގޮތް ނިންމާފައިވަނިކޮށް، ރާއްޖޭގެ ކަނޑުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާކަމަށް ވިދާޅުވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޮރިޝަސްގެ މިލްކުވެރިކަމާމެދު ނޫސްވެރިއަކު ވަނީ މުނައްވަރުއާއި ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު އެންމެ ފުރަތަމަ ވިދާޅުވީ، މި ރާއްޖެއަކީ ވަރަށް ގަދީމީ ދައުލަތެއް އޮތް ތަނެއް ކަމަށާއި ޗާގޮސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ދައުވާ ކޮށްފަ އޮތީ ހަމައެކަނި ދީން ދޫކުރެއްވި ހަސަން ރަސްގެފާނު ކަމުގައެވެ.

މިހާރު ވާގޮތަކީ އަޅުގަޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޖެއްޔާ ޗާގޮސް.. ދައުވާކުރުމަކީ ކޮބައިކަމެއް އަޅުގަޑަކަށް ނޭގޭ. ސަބަބަކީ އަޅުގަޑަށް ލިޔެކިޔުމުން ފެންނަނީ 9 ވަނަ ހަސަން ރަސްގެފާނު ފަރަންސޭސި ކޮންމެވެސް ފަރާތަކަށް ފޮނުވާފަ އޮންނަ ސިޓީފުޅެއް. އޭގެ އޮންނަ ގޮތުން ވެއްޖެއްޔާ އޭނައަކީ މި ޖަޒީރާތައް ހިމެނޭގޮތުން މި ހިސާބުގަޑުގެ ޖަޒީރާތަކުގެ ރަސްގެފާނު. ދެން އެއީ ކްލެއިމްއަކަށް ނުވާކަމަށް ވެއްޖެއްޔާ ދެން ކޮން އެއްޗެއްބާވައޭ އަޅުގަޑު ހިތައް އަރަނީ ކްލެއިމްއަކަށް ވާނީ. އެއީ އަޅުގަޑަށް ސަފީޝަންޓް (ފުރިހަމަ) ކްލެއިމްއެއް، އެ ސިޓީއަކީ ހަގީގަތަކަށް ވެފަ، އެސިޓީއަކީ ފަރަންސޭސިންނާ ހަމައަށް ގޮސްފަ އޮތް ސިޓީއެއް ކަމަށް ވެއްޖެއްޔާ ހަމަ އެކަށީގެންވާ ރަގަޅު ކްލެއިމެއް އެއޮތީ ކުރެވިފަ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ޗާގޮސްގެ މިލްކުވެރިކަން ރާއްޖެއަށް އޮތްކަމަށް އަމިއްލަފުޅަށް ބަންޑާރަނައިބުކަން ކުރެއްވިއިރު ވަކާލާތު ކުރައްވާފައި ނުވަނީ ކީއްވެތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި މުނައްވަރު ވިދާޅުވީ ޗާގޮސްއަކީ އެއްވެސް އިރަކު ރާއްޖޭގެ ބައެއް ނޫންކަމުގައެވެ.

ތިބޭފުޅާ (ނޫސްވެރިޔާ) ގެ މައިގަނޑުގެ ވާހަކަ އަކީ ކަލޭ( މުނައްވަރު) ބަންޑާރަނައިބަކަށް ހުންނެވި އިރު ތި ޗާގޯސް އިން ފެށިގެން ކީއްވެހޭ (ރާއްޖޭގެ ސަރަހައްދު ކަމަށް) ކްލެއިމް ނުކުރީ. އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ. އޭރުގައި އޮތް ވާޖިބަކީ އެއީ.

ޗާގޮސްއަކީ އެއްވެސް އިރަކު ރާއްޖޭގެ ބައެއް ނޫންކަމަށް ވިދާޅުވަމުން މުނައްވަރު ވިދާޅުވެފައެވެ.

ޗާގޮސްއަކީ ރާއްޖޭގެ ބަޔަކަށް ނުވާއިރު، ރާއްޖޭގެ ދެކުނުން އޮތް ކަނޑުގެ 200 މޭލުގެ ސަރަހައްދަށް ރާއްޖެއިން ވަކާލާތު ކުރެވޭނެ ގޮތެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ސާފުކޮށް ދީފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ އޭނާގެ ބަންޑާރަނައިބު ކަމުގައި ރާއްޖެއިން 200 މޭލުގެ ސަރަހައްދުގެ އިން ވަކިކޮށް ޗާޓު ކުރަހާފައިވާނެ ކަމުގައެވެ. އަދި އެ ޗާޓު ޔޫއެންއަށް ހުށަހަޅާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އޭރު އިން ވަކިކުރިކަމަށް މުނައްވަރު ވިދާޅުވިނަމަވެސް ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން ބައިނަލްއަގުވާމީ ގޮތުން ގޮތެއް ނިންމާފައިވާ ނުވާއިރު، 200 މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްކަމަށްވެސް ބައިނަލްއަގުވާމީ ގޮތުން ނިންމާފައެއް ނުވެއެވެ. އަދި ފަހުން ޗާގޮސްގެ މިލްކުވެރިކަން ބައިނަލްއަގިވާމީގޮތުން ކަނޑައެޅިގެން ދިއުމަށްފަހުވެސް، ކަނޑުގެ މުޅި ސަރަހައްދު ރާއްޖެއަށް ލިބެންޖެހޭނަކަމަށް ވިދާޅުވަމުން ގެންދަވާ ސަބަބުތައްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެ ދެއްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.