ގައުމީ ދާރުލްއާސާރު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ދިވެހި ކުންފުންޏެއްކަމަށްވާ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލްކޮށްފިއެވެ.
ބީއެމްްއެލްގެ އެހީއާއެކު ކުރިއަށްގެންދަވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުމުގެ ރަސްމިއްޔާތުގައި މިިކަމާއި ގުޅޭ އެއްބަސްވުމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ސޮއިކުރައްވާފައިވަނީ މިނިސްޓްރީގެ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބު އަހްމަދުﷲ ޖަމީލްއެވެ. އަދި ޑައިނޯ ކޮންސްޓަރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާރ މުހައްމަދު އަލީއެވެ.
މި އެއެއްބަސްވުމުގެ ދަށުން ގައުމީ ދާރުލްއާސާރުގެ ޝޯ ކޭސްތައް ތައްޔާރުކުރުމާއި މަލްޓި މީޑިއާ ރޫމް ސެޓްއަޕް ކުރުމާއި މިއުޒިކް ޑިސްޕްލޭ ސަރަހައްދުގައި ފްލޯ ރަނަރ އެޅުމާއި ފާރުގައި ކުލަލުން ހިމެނެއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވިދާޅުވީ މި މަޝްރޫއުގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ 19 ޝޯ ކޭސްއަކީ ޒަމާނީ ފެންވަރުގެ ބައިނަލްއަގްވާމި އެކި އެކި މިއުޒިއަމްތަކުގައިވެސް ހުންނަ ފަދަ ޝޯކޭސްތަކެއެވެ.
މި މަޝްރޫއުގެ ދަށުން ދާރުލާސާރުގައި އަލަށް ގާއިމްކުރާ މަލްޓިމީޑިއާ ރޫމްއަކީ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިންގެ ތާރީހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަން ދިނުމާއި ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ގާއިމްކުރާ ތަނެއްކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވިދާޅުވީ މިއީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއެސްއާރުގެ ދަށުން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ހިންގޭ މަޝްރޫއެއްކަމަށެވެ.
މި މަޝްރޫއަށް 2.18 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށާއި އަދި ބީއެމްއެލްއިން އެހީގެ ގޮތުގައި 2 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.
ގައުމީ ދާރުލްއާސާރު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޔުމްނާ މައުމޫނާއި އެ ވުޒާރާގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.