ނައީމާގެ މަރަށްފަހު މަނަދޫގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

ނައީމާގެ މަރަށްފަހު މަނަދޫގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2023 09:12
0

ނ.މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލި ނައީމާގެ މަރަށްފަހު އެރަށުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް އެ ރަށުގެ ކައުންސިލުން މިއަދު އާއްމުކޮށް އިއުލާނު ކޮށްފިއެވެ.

މަނަދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ އެކިތަންތަނުގައި ސެކިއުރެޓީ ކެމެރާ ހަރުކުރަން ބޭނުންވާތީވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ރަށުގައި ސީސީޓީީވީ ކެމެރާ ހަރުކުރަން ޝައުގުހުރި އެއްވެސް ފަރާތެއްވާ ނަމަ، އެ ކަމަށް އެދި ބިޑް ހުށަހެޅުމަށް އޮތް ސުންގަޑީއަކީ މި މަހު 27 ގެ ނިޔަލަށެވެ. ސީސީޓީވީ ކެމެރާ ލުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.

މަނަދޫ ކައުންސިލުން ކުއްލި ގޮތަކަށް އެރަށުގެ އެކި ތަންތަނުގައި ސެކިއުރެޓީ ކެމެރާ ލުމަށް ނިންމާފައިވަނީ، މިދިޔަ ހުކުރުދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައިމާ މޫސާގެ މަރަށް ފަހުއެވެ. ނައީމާގެ މަރަށްފަހު އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހު އިރުއޮއްސެނިކޮށް ނައީމާ އުޅޭ ގެއިން އޭނާ މަރާލާފައި އޮއްވާ ފެނިފައިވާއިރު، މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ދުވަހުގެ މެންދަމު 2:00 ޖެހި އިރު ރަށަށް ގޮސް ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދުގެ ވަގުތެއްގައި ރަށުގެ ފަޅުގެއެއް ވެސް ފުލުހުން ބަލައިފާސްކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، ހުއްދަ ނެތި ރަށުން އަރައިފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރަށަށް އަރައިފާބައި މީހުން ވެސް ގެންދަނީ ނޯޓުކޮށް މޮނިޓާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.