އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ނަޒާހަތްތެރިކަން ކުރިއެރުވުމުގެ އެއްބަސްވުމަކަށް

އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ނަޒާހަތްތެރިކަން ކުރިއެރުވުމުގެ އެއްބަސްވުމަކަށް

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2023 12:32
0

ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާއެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއެވެ.

މި ފަހުމުނާމާގެ ދަށުން، ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ އިތުރުން އެފަދަ ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމާއި މަނާކުރުމަށް އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އާންމުން ހޭލުންތެރިކުރުވުމަށާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ މުއައްސަސާގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަމާއި ހުނަރު އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުން ފަދަ ކަންކަން މި ފަހުމުނާމާގައި ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ މެމްބަރު ޠާހާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދެ މުއައްސަސާގެ މަސައްކަތަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ޖުމްލަގޮތެއްގައި މި ފަހުމުނާމާގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި ފެންނާނެ ހެޔޮބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިރަސްމިއްޔާތުގައި ދެ ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންވަނީ ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.