ވިނަރެސްގެ ދާއިމީ ލިސްޓުގައި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ގުރު ނަގަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މުރާޖާކޮށް ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓް އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 2 ވަނަ ދުވަހުއެވެ.
އެޗްޑީސީން އިޢުލާންކޮށްފައިވާ ގޮތުގައި ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތަށްފަހުގައި، ބުކިންގ ފީ ނެގުމާއި "ވިނަރެސް" އެޕާޓްމަންޓް އިޚްތިޔާރުކުރުމުގެ ފުރުޞަތު ދެވޭނެއެވެ. މި ފުރުޞަތު ދެވޭނީ ލިސްޓު ތަރުތީބުކޮށް ޝާއިއުކުރާ ލިސްޓާ އެއްގޮތަށެވެ.
ގުރުއަތުނެގުން އެޗްޑީސީގެ ރަސްމީ "ފޭސްބުކް ޕޭޖް" އިން ލައިވްކޮށް ދައްކާނެކަމާއި އަދި ގުރުއަތުނެގުން ކުރިއަށްދާގޮތް އޮބްޒާވްކުރުމުގެ ފުރުޞަތުު، ފްލެޓް ލިބޭ 2 ކެޓަގަރީން މަދުވެގެން 5 މީހުންނަށް ދިނުމަށްވަނީ ނިންމާފައެވެ.
ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.