ވިނަރެސް ފްލެޓްގެ ޕޮއިންޓް އެއްވަރުވި މީހުންގެ ގުރު ނެގުން ބުދަދުވަހު

ވިނަރެސް ފްލެޓްގެ ޕޮއިންޓް އެއްވަރުވި މީހުންގެ ގުރު ނެގުން ބުދަދުވަހު

ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓުގައި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ބުދަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ވިނަރެސްގެ ދާއިމީ ލިސްޓް އިޢުލާންކުރީ މިދިޔަ ފެބްރުއަރީމަހުގެ 2ވަނަ ދުވަހުއެވެ. ދާއިމީ ލިސްޓް ކަނޑައަޅާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މުރާޖާކޮށް ކަނޑައަޅާފައިވާ މިންގަނޑަށެވެ.

ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޯ އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނަފައިވާ ފަރާތްތަކާއި އަދި ދެމަފިރިން ވަކިން ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުތަކުގައި ސޮއިކޮށްފައިވާ ފަރާތްތައް ވަނީ މި ލިސްޓުން އުނިކޮށްފައެވެ. އަދި ދާއިމީ ލިސްޓް ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީން ހުށަޅާފައިވާ ފަރާތްތަކަށްވެސް އިތުރު ފުުރުޞަތެއް ނޯންނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތަށްފަހުގައި، ބުކިންގ ފީ ނެގުމާއި "ވިނަރެސް" އެޕަރޓްމަންޓް އިޚްޔާރުކުރުމުގެ ފުރުޞަތު ދޭނެކަމަށެވެ. މި ފުރުޞަތު ދޭނީ ލިސްޓު ތަރުތީބުކޮށް ޝާއިއުކުރާ ލިސްޓާ އެއްގޮތަށެވެ.

ބުދަ ދުވަހު ގުރުއަތުނެގުން ކުރިއަށްދާ ވަގުތުގައި އެޗްޑީސީގެ ރަސްމީ "ފޭސްބުކް ޕޭޖް"އިން ލައިވްކޮށް ދައްކާނެއެވެ. އަދި ގުރުއަތުނެގުން ކުރިއަށްދާގޮތް އޮބްޒާވްކުރުމުގެ ފުރުޞަތުު، ފްލެޓް ލިބޭ 2 ކެޓަގަރީއިން މަދުވެގެން 5މީހުންނަށް ދޭނެއެވެ. މިކައިމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ހޮޓްލައިން 1516އަށް ގުުޅުމަށް ވަނީ އެދިފައެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ. ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.5 މިލިއަނާއި 3.047 މިލިއަން ރުފިޔާއާ ދެމެދުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *