މިއަހަރުގެ ރޯދަ އިނާޔަތް ނުލިބޭ މުވައްޒަފުން ޝަކުވާ ހުށަހަޅަން ލޭބަރ ރިލޭޝަން އޮތޯރިޓީން ހުޅުވާލައިފިއެވެ.
ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި އެއޮތޯރިޓީން ވިދާޅުވީ ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ނުލިބޭނަމަ އެ އޮތޯރިޓީގެ ވެބްސައިޓުންނާއި އިދާރާއަށް ފޯމު ހުށަހަޅައިގެންވެސް ޝަކުވާ ހުށަހެޅޭނެކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަން ފެށެން ކައިރިވާއިރަށް ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތަށް ރޯދަ އިނާޔަތް ދިނުމަށް ބާރު އަޅައި ލޭބަރ ރިލެޝަން އޮތޯރިޓީން އަންނަނީ ހަނދާންކޮށްދެމުންނެވެ. ވަޒީފާއާ ގުޅޭ އެތައް މައްސަލަތަކެއް ކުރިމަތިވާއިރު، އަދި ވަޒީފާއާއާބެހޭ ޤާނޫނާ ޚިލާފަށް ބައެއް އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން މުވައްޒަފުންގެ ހައްޤުތައް ހިފަހައްޓާކަމުގެ އެތައް މައްސަލައެއް ފާހަގަވެފައިވެއެވެ. އެފަދަ ބައެއް މައްސަލަ ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ހުށަހެޅޭވެސް މެއެވެ. ގިނަ މައްސަލަތަކަށް އެދެވޭ ޙައްލެއް ނާދެއެވެ.
ރޯދަ އިނާޔަތުގެ މައްސަލައަކީ އަބަދުވެސް އެއޮތޯރިޓީން ވަރަށްބޮޑު ސަމާލުކަމެއް ދޭކަމެކެވެ. ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން، ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް 3000 ރުފިޔާ ދޭންވާނެކަމަށް ބުނެ، މިރޯދަ މަސް ފެށުމުގެ ކުރިންވެސް އެއޮތޯރިޓީން ވަނީ ރޯދަ އިނާޔަތް ދިނުމަށް ހަނދާންކޮށްދީފައެވެ.
އެއޮތޯރިޓީގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރޯދަ އެލަވަންސް ނުދީގެން 65 ޝަކުވާ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 53 މީހުންގެ މައްސަލަ ހައްލުކޮށްދީފައިވެއެވެ.