ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެއްވަނަ، އަޝްފާޤާއިއެކީ މާދަމާ ރަންވަނަ!

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެއްވަނަ، އަޝްފާޤާއިއެކީ މާދަމާ ރަންވަނަ!

ގުޅުންހުރި

ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބި ޤައުމު މިވަނީ އުފަލުން ފޮޅިފައެވެ. ޒަމާނުއްސުރެ ދުނިޔެ މަތީގެ ސުވަރުގެ ކަމުގައި ފަތުރުވެރިން ދެކެމުންދިޔަ ރާއްޖެއަށް މިރީތި ނަމާއި ޝަރަފް ލިބުމަކީ މިފަސްގަނޑުގެ ކޮންމެ ދަރިޔަކު ދެކެމުންދިޔަ އުންމީދެވެ. މިއަދު މި ހުވަފެން ހަގީގަތަށްވެ ދުނިޔޭގެ އެންމެ އާބާދީބޮޑު ތަނަވަސް ޤައުމުތައް ފެޔަށް ޖައްސާލައި ރާއްޖެ މިވަނީ މިރަންވަނަ ހާސިލްކޮށްފައެވެ.

މިއަދުގެ މި އުފާވެރިކަމާއިއެކު މާދަމާއަކީވެސް ދިވެހިންނަށް އުފާވެރިކަން ގަނެވުނާނެ ދުވަހަށް ހެދުމަށް ދިވެހިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުބޯޅަ ކުޅުންތެރިޔާ، އަދި ދެކުނު އޭޝިޔާގައިވެސް އުފެދުނު އެންމެ އިތުބާރު ފޯވާޑު އަލީ އަޝްފާޤު (ދަނގަޑޭ) އާއިއެކު އޭޝިޔަން ފުޓުބޯޅަ ކޮންފެޑަރޭޝަން (އޭފްސީ) އިން ހޮވާ އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ރާއްޖެއަށް ލިބުމާއި ގާތަށް މިވަނީ ޖެހިލާފައެވެ. ވޯޓުލުމުށް ބާކީ 25 އަކަށް ގަޑިއިރު ބާކީ އޮތްއިރު ތަފާތު ބޮޑުކޮށް އަޝްފާޤު އުޅެނީ ވޯޓުން ކުރީގައެވެ.

މިމަސައްކަތުގައި ދިވެހިން ތިބީ ކުޑަކޮށްވެސް ވަރުބަލިކަމެއްނެތި ވޯޓު ދިނުމުމުގައި ހިއްވަރާއި، ސާބިތުކަމާއިއެކުގައެވެ. މިކަން އަޝްފާޤަށް ވޯޓު ހޯދުމަށް ދިވެހި ޒުވާނުން އިސްނަގައިގެން ހަދާފައިވާ ކޮމިއުނިޓީ ވައިބާ ގްރޫޕަށް ބަލައިލުމުންވެސް ހާމަވެގެންދެއެވެ. މި ގުރޫޕުގައި ފާޅުކުރަމުންދާ ޝުޢޫރާއި ވޯޓު ދިނުމަށް ހުރި ޝައުގުވެރިކަމަކީ މިފަސްގަނޑަށް ދިވެހި ޒުވާނުންގެ ހިތުގައި އޮތް ލޯތްބާއި ކުލުނު ހާމަވެގެންދާ ކަމެކެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫޤު ވިދާޅުވި ފަދައިން "ރާއްޖެއަށް ލިބުނީ ދޮންވެލި ރީތި ބީޗަކާއި، ދަގަނޑޭގެ ވާއަތު ފައެވެ." އެކަން ދިވެހިންނަށް މިދަނީ ފެނި ހާމަވަމުންނެވެ. ފަތުރުވެރިކަމުން ޤައުމު މުޅި ދުނިޔެއަށް އަލި ގަދަ ދަންމަރެއްހެން މިއަދު މިވަނީ ދިއްލާލާއި، ޤައުމު ހެއްވާލާފައެވެ. އަދި މާދަމާ އަޝްފާޤާއިއެކީ ދިވެހިން ދަނީ އުފާފާޅު ކުރުމަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް މަދު ވަގުތުތަކުގައި ދިވެހިން ފާއިތުވެދިޔަ 3 ދުވަހު ކޮށްފައިވާ ހިއްވަރުގައި ދެމިތިބެއްޖެނަމަ މިއީ އަހަރުމެންގެ ފަހަރަށް ވާނެއެވެ.

"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ވޯޓުލުމުގެ ފުރުސަތު ބުދަ ދުވަހުގެ ހެނދުނު ހުޅުވާލިއިރު، މިއަދުގެ މިހާތަނަށް ދަގަނޑޭއަށް ލިބުނު ވޯޓުގެ އިންސައްތައަކީ 88.44 އެވެ. ޗަން ސިއު ކީއަށް ލިބުނު ވޯޓުގެ އަދަދަކީ 11.56 އެވެ.

އަޝްފާގަށް ވޯޓުލުމަށް މި ލިންކަށް ފިއްތާލައްވާ!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ބޮޑު އަދަވަޅުން އަރައި ގަތުމަށް މި ދެ އެވޯޑަކީ ނުވަތަ ރަން ވަނައަކީ މުހިންމު ދައުރެއް އަދާކުރާނެ ރަންވަނަ ތަކެކެވެ. ރާއްޖެއަކީ ކޮންތަނެއްކަން ރާއްޖޭގެ މަޤުބޫލުކަމާއި، ރީތިކަމަކީ ކޮބައިކަން އަދި ރާއްޖޭގެ ރަންވަނަތަކަކީ ކޮބައިކަން ދުނިޔެއަށް ފެންނަން ހުރުމަކީ މިޤައުމުގެ ކުރިއެރުމަށްވެސް އޮތް ނުހަނު ބޮޑު ބާރަކަށް ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *