ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާގަދަ ކުރުމަށް ނިންމީ ޤައުމުގެ ހާލަތު އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި، ވެރިކަމަށް ކުރިމަތިލުމަށް ނިންމި ނިންމުން ބަދަލުކޮށް ނަންނަގާނެ އެއްވެސް ހާލަތެއް ނާންނާނެކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމިކަން ރަސްމީކޮށް ހާމަކުރައްވައި މިއަދު މީޑިއާތަކާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ ޤައުމުގެ ހާލަތު އެކަމަށް މަޖުބޫރު ކުރުމުންކަމަށެވެ. ރާއްޖޭގެ މިއަދުގެ ހާލަތަކީ ރާއްޖެ އެކި ދުވަސްވަރު އަޅުވެތިވެފައި އޮތް ހާލަތަށްވުރެވެސް ދަށް ހާލަތެއްކަމަށެވެ. ޤައުމުގެ މިނިވަން ނިންމުންތައް ނިންމުމުގެ ބާރު ރާއްޖޭގައި ނެތްއިރު ވަކި ޤައުމަށް މުޅި ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮތްކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގައި އިނގިރޭސީން އުޅުނު ދުވަސްވަރުވެސް އެމީހުންގެ ނުފޫޒު ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ވަރަށް މިއަދު ވަކި ޤައުމެއްގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އެތައް ފަޅެއް، އެތައް ބިމެއް ވަކި ޤައުމެއްގެ ބާރުގެ ދަށަށް ދޫކޮށް ވަކި ޤައުމެއްގެ އަސްކަރިއްޔާ މިޤައުމުގައި އޮތުމަކީ ނުރައްކާތެރިކަން ބޮޑުކަމެއްކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި މުނައްވަރު ވިދާޅުވީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މިސަރުކާރުން ކުރާހާވެސް ކަމަކީ ސިޔާސީ މަޤާމުތައް އުފެއްދުމާއި، ބޭރުގެ ކަރަކަރަށް ދަތުރުކުރުން ކަމަށެވެ. ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާއަކީ އޭގައިން ސަރުކާރު ދަމަހައްޓަން ސިޔާސީ މަޤާމު އުފައްދަންދޭ ފައިސާއެއް ނޫންކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި އިންތިޚާބާއި ކައިރިކޮށް މުސާރަތައް ބޮޑުކޮށް، އެކިއެކި މަންފާތައް ދިނުމަކީ ރައްޔިތުންގެ ފައިސާއިން ރިޝްވަތު ދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކާއި، ހަރުމުދާތައް ނުއަގުގައި ވިއްކުމާއި، އެކިއެކި ޕްރޮޖެކްޓުތަކުން ނުހައްގު ފައިސާތައް އެތައް މިލިޔަނުން ނަގާއިރު ޒީރޯ ޓޮލަރެންސަކީ ކޮބައިކަންވެސް މިއަދު ނޭގޭކަމަށެވެ. މިކަންކަން ހުއްޓުވުމަށް ރައްޔިތުން ތިބީ އިތުރު ދައުރެއް މިސަރުކާރަށް ދޭން ނޫންކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރައްޔިތުން ބުނަނީ ވަރަސް ސާފުކޮށް އިނަފް އީސް އިނަފްއޭ. މިހާރު ވެރިކަމުގައި ތިބި މީހުންނަށް މިހެން ޤައުމު ހިންގައި ރައްޔިތުންގެ ފައިސާއިން ޚިޔާނާތް ވުމަށް އިތުރު ދައުރެއް ދޭން ރައްޔިތުން ދެން ބޭނުމެއް ނުވޭ. އިބުރާހިމް މުހައްމަދު ޞާލިހަށް މިޤައުމުގައި މިއަދު ވާއެއް ނުވާއެއް ނޭގޭ.
– މުނައްވަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމީ އެއްވެސް ސިޔާސީ ލީޑަރަކާއި މަޝްވަރާ ކުރައްވާފައި ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތި ލުމާއި އަދި ވަކި މީހެއްގެ ފަހަތަށް އަރުމަށާއި، ސިޔާސީ މަންފާއަކަށް ނަން ނެގުމާއި ގުޅޭގޮތުން ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވެރިކަން ގާއިމް ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެކަމަށް މުނައްވަރު ވިދާޅުވިއެވެ.
އެއްވެސް މީހަކާއި ޑީލެއް ނުހަދާނަން. ހަދާ ޑީލޭއް ހަދާނީ ދިވެހި ރައްޔިތުންނާ. ނަންވެސް އަނބުރާ ނުނަގްނަވާނަން. ކުރިމަތިލީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ އެދުންތައް ހާސިލް ކޮށް ދިނުމަށް.
– މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު މިއަދުގެ ޕްރެސްގައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން އެކި ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކަކީ އޭގައިން އިތުރު ދައުރެއް ލިބިއްޖެނަމަ ރައްޔިތުން ނުހަނަތު ހިއްދަތިކަމުގައި ތިބެންޖެހޭ ސިޔާސަތުތަކެއް ކަމަށްވިދާޅުވެ ފާޑު ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ