ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގެ ވޯޓުލުން ފަށައިފިއެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީގައި ވޯޓްލުން މާލެއާއި އެދާއިރާގެ ރަށްރަށުގައި ފެށިގެން ކުރިއަށްދާ ކަމުގައެވެ. ވޯޓުލުން އޮންނާނީ މިއަދުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އެޕާޓީން ވަީ ބުނެފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ހަތަރު ކެނޑިޑޭޓަކު ކުރިމަތިލައިފައިވެއެވެ. ޕްރައިމެރީގައި ވާދަކުރަން ނަން ހުށައެޅުމަށް މިދިޔަ މަހުގެ 27ގައި ހުޅުވާލި ފުރުސަތު މިމަހުގެ 2 ވަނަދުވަހު ވަނީ ހަމަވެފައެވެ.
ޕްރައިމެރީގައި ވާދަކުރާ ކެނޑިޑޭޓުން:
1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
3- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
4- ސައީދު – ވެލި / ކ. ގުރައިދޫ
ގުރައިދޫ ދާއިރާގައި މިިދިޔަ ތިން ދައުރުވެސް އެމްޑީޕީން ވާދަކުރިނަމަވެސް އެ ޕާޓީއަކަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ގުރައިދޫ ދައިރާގެ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ މިމަހުގެ 23 ވަނަދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސް ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން މާލެއާއި އެދާއިރާގެ ރަށްރަށުގައި ފެށިގެން ކުރިއަށްދަނީ
ވޯޓުލުން އޮންނާނީ މިއަދުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށަ pic.twitter.com/qjC5zH25Xa— MDP Secretariat (@MDPSecretariat) March 11, 2023
ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅުއްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ދާއިރާގެ ބައި- އިލެކްޝަން އަންނަ އޭޕްރިލްމަހުގެ 15ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. ގުރައިދޫ ދާއިރާގައި ގުރައިދޫގެ އިތުރުން ދެން ހިމެނެނީ މާފުއްޓާއި ގުޅިއެވެ.