އެމްޑީޕީ ޕްރައިމަރީގެ ނަތީޖާއާއި މެދު ގޮތް ނިންމުން ލަސްކޮށްފި

އެމްޑީޕީ ޕްރައިމަރީގެ ނަތީޖާއާއި މެދު ގޮތް ނިންމުން ލަސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2023 12:16
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީން ބުނުމުން، ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސައިލަން އެދިފައިވާ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން ފަސްވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގެ ނަތީޖާއަށް އަމަލު ކުރުން މަޑު ޖައްސާލުމަށް ވަގުތީ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުން ވަނީ މިއަދުގެ 10:15 އަށް އަޑު އެހުމެއް ތައާވަލް ކޮށްފައެވެ.އެމްޑީޕީން ވަނީ ސިވިލް ކޯޓުން މި މައްސަލަ ބެލުމުގެ އިހްތިސޯސެއް ނެތް ކަމަށް ބުނެ ހުށަހަޅާފައެވެ. ސިވިލް ކޯޓުން ނިންމީ އެމްޑީޕީން ހުށަހެޅި މައްސަލަ ބަލާ ނިންމުމަށްފަހު ވަގުތީ އަމުރުގެ އަޑުއެހުންތައް ބޭއްވުމަށެވެ. އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ކަމަށް ދައްކާ ނަތީޖާއަށް އަމަލުކުރުން ފަސްކުރަން އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އިހުތިސޯސްއާ މެދު ދެކޭ ގޮތް ހުށަހަޅަން އަލީ އަމްޖަދުގެ ވަކީލުންނަށް 10 ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ހަފުތާ ތެރޭގައި ޖަވާބެއް ހުށަހަޅާނެ އެވެ. އަލީ އަމްޖަދުގެ ވަކީލަކަށް ވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ނާޒިމް އަބްދުލް ސައްތާރެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. މީގެ އިތުރުން މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބެއް ސައްހަ ނުވާނެ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އެ ޕާޓީގެ މައްޗަށް އަމަރުކުރުމަށް މައްސަލައިގައި ވަނީ އެދިފައެވެ.

ޕޮލިސް ބޯޑުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ވެސް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް މި މަހުގެ 17 ވަނަ ދުވަހު ވަނީ ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައެވެ. އަދި އެ ޕާޓީން ވަނީ ކޯލިޝަން ހެދުމުގެ ބާރު ވެސް ރައީސް ސޯލިހަށް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

، ،، އަދުރޭ
ފައްޔާޒު ހޮވަންވީމާ ލިސްޓްގާވެސް އަދި ދަފުތަރުގާއޮއެފާ ޕުރައިމާރީގާ މުޅިއާއިލާ އުނިކޮއް ދަފުތަރުން ވެސް ކަނޑާލީ ވަކިބައެއްގެ ނުފޫޒުން ވީމާ ބަލައެއް ނުގަނެވޭނެ