މަދަނީ ޖަމިއްޔާތަކާއެކު ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް އެ ޕްރޮގްރާމްތަކުން ރަނގަޅު ނަތީޖާތަކެއް ނެރުމަކީ އުއްމީދެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހުވަދޫ އެއިޑް ޖަމްއިއްޔާ އާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ ޖަމިއްޔާތަކާއެކު މަސައަތްކުރުމަކީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބައި ކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު ވެސް ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށާއި އަދި މުޖުތަމަތު ބާރުވެރިކުރުމަށް އެކިއެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ޕްރޮގްރާމްތައް ހިންގިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ އުއްމީދަކީ ކުރިޔަށް އޮތް ތަނުގައި ވެސް ވީހާ ވެސް ގިނައިން މިފަދަ ހަރަކާތްތައް އިތުރުކޮށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ.
ޖަމިއްޔާތަކަށް އަމާޒުކޮށްގެން ގްރާންޓް ޕްރޮގްރާމެއް ހުޅުވާލިކަން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ ކޮވިޑްގެ ސަބަބުން އެ ޕްރޮގްރާމްގެ މަސައްކަތް ހުއްޓުނު ނަމަވެސް އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެ ޕްރޮގްރާމްގެ މަސައްކަތް ކުރިޔަށް ގެންދިޔުން ކަމަށެވެ. އަދި މި ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕާއެކު ގްރާންޓް ޕްރޮގްރާމަށް ގިނަ ޖަމިއްޔާތަކަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ މަހްލޫފް ވަނީ ހުވަދޫ އެއިޑްއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކަމަށްވާއިރު މިފަހަރު ވޯކްޝޮޕްގައި 44 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. މިއީ މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެއް ކަމަށްވާއިރު މިފަހަރުގެ ވޯކްޝޮޕް ކޮވިޑް 19 އާ ގުޅިގެން ކުރިޔަށް ގެންދަނީ ވަރޗުއަލްކޮށެވެ.