ބުރިޖް މަސައްކަތް އަންނަ ޑިސެމްބަރަށް ނިމޭނެ

ބުރިޖް މަސައްކަތް އަންނަ ޑިސެމްބަރަށް ނިމޭނެ

Author
ހުސެއިން
15 ފެބްރުއަރީ 2023 06:44
0

އިންޑިއާގެ އެފްކޯންސް ކޮންސްޓްރަކްޝަންއިން، މާލެއާއި ގުޅިފަޅާއި ގުޅުވާލުމަށްޓަކާ މިހާރު އަޅަމުންދާ ތިލަމާލެ ބުރިޖްގެ މަސައްކަތް ނިމޭނީ މިއަހަރުގެ ޑިސެމްބަރަށް ކަމުގައި ބްރިޖް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރު ޖިނާން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ، ބުރިޖްގެ އަމަލީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖިނާން ވިދާޅުވީ، މަސައްކަތް ކުރިޔަށްދަނީ ޝެޑިއުލްއާއި އެއްގޮތަށް ކަމަށާއި، ޕްލޭނާ އެއްގޮތަށް ބުރިޖްގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި، 6.7 ކިލޯ މީޓަރުގެ ދިގުމިނުގެ ތިލަމާލެ ބުރިޖްގެ މާލޭގެ ލޭންޑް ޕައިލިންގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައި ކަމުގައެވެ. އަދި މިހާރު ކުރިޔަށް ދަނީ އެއްގަމު ތަނބުތަކުގެ ޕައިލް ކެޕްގެ މަސައްކަތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބުރިޖްގެ މަސައްކަތްތައް ކުރިޔަށް ދާނެ ގޮތުގެ ތަފްސީލްތައް ހާމަކޮށްދެއްވަމުން އޭނާ ވިދާޅުވީ ޕައިލް ކުރުމަށްފަހު، ޕައިލް ކެޕްގެ މަސައްކަތް ނިމުމުން ދެން ކުރިޔަށް ދާނީ ސުޕާ ސްޓްރަކްޗާގެ މަސައްކަތް ކަމުގައެވެ. އެއީ އެއްގަމު އުޅަނދުތައް ދުއްވުމަށް ބޭނުންކުރާ ސްޓްރަކްޗަރގެ މަސައްކަތްތަކެވެ.

ޖިނާން އިތުރަށް ވިދާޅުވީ ވިލިމާލެ ބްރިޖް ސެގްމެންޓްގެ ލޭންޑިން ސަރަހައްދު ހިއްކުމުގެ ކުރިން ކުރާންޖެހޭ މަސައްކަތައްވެސް މިހާރުވަނީ ނިމުމަކަށް އައިސްފައެވެ.

ބުރިޖް މަޝްރޫއާއި ގުޅެގޮތު ހާމަކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ވާގޮތުން ބުރިޖްގެ ދިގުމުނުގައި 6.7 ކިލޯ މީޓަރު ހުންނައިރު، ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ގުޅީފަޅާއި މާލެ ގުޅުވައިދޭ މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކު ރޯޑްތައް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ކުރިންވެސް ވިދާޅުވެފައިވަނީ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށްކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭމަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމާގޮތަށްކަމަށެވެ.

ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.