ރައީސް ސާލިހު ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުއްވައި ދެއްވައިފި

ރައީސް ސާލިހު ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުއްވައި ދެއްވައިފި

Author
ހުސެއިން
11 ފެބްރުއަރީ 2023 10:06
0

“ކުޑަގިރި ޕިކްނިކް އައިލެންޑް” އާންމުންނަށް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސާލިހު މިއަދު ކުޑަގިރި ހުޅުއްވައިދެއްވީ، އެރަށް ދަތުރު ދިއުމަށް އާންމުކޮށް ހުޅުވާލުމާއެކު، ފުރަތަމަ ދުވަހު އެރަށަށް ދަތުރު ދިއުމަށް ބުކިން ހެދި މީހުންނާއި އަދި އޭގެ އިތުރުން ދައުވަތު ދީގެން އެރަށަށް ވަޑައިގެންނެވި މީހުންނާއެކުއެވެ.

އެޗްޑީސީން ބުނެފައިވަނީ ކުޑަ ގިރިއަށް ދާން ފުރުސަތު ހުޅުވާލުމާއެކު މަދު ގަޑިއިރެއްގެ ތެރޭގައި ބުކިން ފުލް ވެފައިވާކަމުގައެވެ. އަދި މިއަދު އެރަށަށް 600 ވަރަކަށް މީހުން ދަތުރު ގޮސްވާނެކަމަށްވެސް އެޗްޑީސީން ލަފާ ކޮށްފައި ވެއެވެ.

ގާތްގަޑަކަށް 8 ހެކްޓަރުގެ މިރަށަކީ މާލެއިން ފުރައިގެން ލޯންޗުގައި 15 ވަރަކަށް މިނިޓުން ދެވޭ ދުރުމިނުގައި އޮންނަ ރަށެކެވެ. އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ ގާއިމް ކޮށްފައާ މިރަށަށް އަމިއްލަ އުޅަނދެއްގައިވެސް ދެވިދާނެއެވެ. އެހެންނަމަވެސް އަމިއްލަ އުޅަނދެއްގައި ކުޑަގިރިއަށްދާނަމަ އެއުޅަނދެއް ބޭއްވުމަށް ފީއެއް ނަގާނެއެވެ. އެގޮތުން ދުވަހުގެ އެއްބައިގައި އުޅަނދު ބާއްވާނަމަ 250ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. ދުވަސް އެއްކޮށްނަމަ 500ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

ކުޑަ ޑަގިރިއަށް ދަތުރުދާ ދިވެހިން ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. 12 އަހަރުން ދަށުގެ ކުދިން ނަގާނީ މި އަގުތަކުގެ ދެބައިކޮށްފައި އެއްބައެވެ.

ކުޑަގިރިއަށް ދަތުރު ދެވޭނީ ކުޑަގިރި އެޕްއިން ބުކް ކުރުމަށްފަހުއެވެ. އެނޫން ގޮތަކަށް ކުޑަގިރިއައް އެތެރެ ނުވެވޭނެއެވެ. އަދި ކުޑަގިރީގައި ގާއިމް ކޮށްފައިވާ އަށިތައްވެސް ޓިކެޓް ބުކް ކުރާއިރު ބޭނުން ނަމަ ބުކް ކުރެވިދާނެއެވެ. އަށީގެ ގޮތުގައި ކުޑަގިރީގައި ގާއިމް ކޮއްފައިވާނީ ކުޑަ އަށިތަކަކާއި ބޮޑު އަށިތަކެކެވެ. އެގޮތުން ކުޑައަށި ދުވަހެއްގެ އެއްބައިނަމަ ފީއެއްގެ ގޮތުގައި 250ރުފިޔާ ދައްކަން ޖެހެއެވެ. މުޅި ދުވަސް ނަމަ 500ރުފިޔާ އެވެ. ބޮޑު އަށި އެއްކޮން ނަގާނަމަ ފީއެއްގެ ގޮތުގައި 1200ރުފިޔާ ދައްކަން ޖެހެއެވެ.

އެޗްޑީސީން ބުނެފައިވަނީ ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދަތުރުކުރާ ފަރާތްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އާއްމުންނަށް ލުއިފަސޭހަކޮށްދިނުމަށާއި ވީހާވެސް ގިނަ މީހުންނަށް ރަށަށް ދަތުރުދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުނެއެވެ.

ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ކުޑަގިރިއަށް ދަތުރުދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފާޚާނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ގާއިމުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.